އަހަރެމެން ގިނައިން އަޑުއަހަނީ މަދުން ނިދި ލިބުމުން ނުވަތަ ނިދި ހަމަނުވުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ވާހަކައެވެ. އެއްވެސް އިރެއްގައި ގިނައިން ނުވަތަ ދުވާލު ހަތަރު ދަމު ނިދުމުން ހަށިގަނޑަށް އަދި މީހާގެ ސިއްހަތަށް ލިބޭ ގެއްލުންތަކުގެ ވާހަކައެއް ނުދައްކައެވެ. ހަގީގަތުގައި ވަކިވަރަކަށް ވުރެ ގިނަ ވަގުތު ނިދުމަކީވެސް ހަށިގަނޑަށާއި މީހާގެ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމަކެވެ. އެކި ކަހަލަ ނުރައްކާތެރި ބަލިތަކަށް މީހާގެ ހަށީގަނޑު ހުށަހެޅިގެންދާ ކަމެކެވެ. ގިނަ ވަގުތު ނިދުމުގައި ހޭދަކުރުމަކީ އަހަރެމެން ނޭނގި ނަމަވެސް ކުރާ ނުރަނގަޅު ކަމެކެވެ.
ރަމަޟާން މަސް ވެފައިވަނީ ގިނަ ބަޔަކު ނިދުމުގައި ގިނަ ވަގުތު ހޭދަކުރާ މަހަކަށެވެ. ހާރުދަމު ހާރުކައިގެން ނިދާ މީހާ ގިނައިން ތެދުވާނީ އަސުރުވެސް ވާފަހުންނެވެ. ގިނަ މީހުން ރޯދަ އާއި ދިމާކޮށް މަސައްކަތް ކުރާ ވަޒީފާތަކުންވެސް ޗުއްޓީ ނަގާނެއެވެ. ރަމަޟާން މަހަކީ އަޅުކަމާއި ހެޔޮ އަމަލްތައް ގިނަ ކުރަންޖެހޭ މަހެއް ކަމުގައި ވީނަމަވެސް، ގިނަ ޒުވާނުންނަށް ރަމަޟާން މަސް ވެފައިވަނީ ނިދާ އަރާމް ކުރާ މަހަކަށެވެ. ރަމަޟާން މަހު ގިނަ ވަގުތު ނިދުމުގައި ހޭދަކުރުމުގެ ސަބަބުން ތިބާގެ ހަށިގަނޑަށް އެކި ކަހަލަ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ވެސް ލިބެއެވެ. ސިއްހަތަށް ވެސް ވަރަށް ބޮޑަށް އަސަރުކުރެއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ގިނައިރު ނިދުމަކީ މީހާގެ ހަށިގަނޑަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ހަށިގަނޑަށް ނިދި ބޭނުންވާ ވަރަށް ވުރެ ގިނަ ވަގުތު ނިދުމުގައި ހޭދަކުރުން ބައެއް ފަހަރު ވެގެންދަނީ ހަށިގަނޑަށް ޖެހިފައިވާ ނުރައްކާތެރި ބައްޔެއްގެ އަލާމާތަކެވެ. މީގެ އިތުރުންވެސް، ކޮންމެ އިންސާނަކަށްވެސް އާއްމުގޮތެއްގައި ބޭނުންވާނީ 7 ނުވަތަ 9 ގަޑިއިރުގެ ނިންޖެވެ. އެއީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު މިންވަރެކެވެ. ދުވާލަކު މަދުވެގެން 7 ގަޑިއިރުގެ ނިދި ނުލިބޭ ކަމަށްވަންޏާ އޭގެ ސަބަބުން ތިބާގެ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެން މަގުފަހިވެއެވެ.
ހަށިގަނޑަށް ދުވާލަކަށް ނިދި ބޭނުންވާ މިންވަރަށް ވުރެ ގިނަ ވަގުތު ނިދުމަކީ މީހާ ޑިޕްރެޝަނަށް ވެސް ދިއުމަށް މަގުފަހިވެގެންދާ ކަމެކެވެ. މީގެ އިތުރުންވެސް ބައެއް ފަހަރު މާގިނައިން އެމީހަކު ނިދައި އުޅޭނަމަ އެމީހެއްގެ ގައިގައި ޑިޕްރެޝަނު ހުންނަނީ ކަމަށްވެސް ވެދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ނިދި އެއް ހަމައެއްގައި ބެލެންސްކޮށްގެން އުޅޭ މީހުންނަށް ހިތްހަމަޖެހިގެން އުޅެވުމުގެ ފުރުސަތު ފަހިވެއެވެ. މީގެ އިތުރުންވެސް، 8 ގަޑިއިރު ނުވަތަ 7 ގަޑިއިރު ނިދާ މީހުންނާއި އަޅައި ބަލާއިރު، އާއްމުކޮށް ނިދަންޖެހޭ މިންވަރަށް ވުރެ ގިނައިން ނިދާ މީހުންނަށް އެންޒައިޓީ ފަދަ ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ.