ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދީ ނިންމުމަށް ފަހު، ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެ ޕާޓީއަށް އަންގައިފި އެވެ.
ޕީޕީއެމަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތުގެ މުވައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީއަށް ފައިސާ ދޫކުރާނެ ކަމަށެވެ. ޕީޕީއެމްގެ އިތުރުން އިލެކްޝަންސަށްވެސް އެކަން ވަނީ އަންގައިފައެވެ. ނަމަވެސް ފައިސާ ދޭނެ ވަކި ތާރީޚެއް ކަނޑައަޅައިފައެއް ނުވެއެވެ.
ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މިދިޔަ އަހަރަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ނުދީގެން ފިނޭންސާ ދެކޮޅަށް އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި، ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ޕީޕީއެމްއިން މޯލްޑިވިއަންއަށް ދެއްކިއެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޕާޓީ ދަރަނިވެރިވީ ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުންނެވެ. އެ ފައިސާ ލިބުނުހާ އަވަހަކަށް ދަރަނި އަދާކޮށް، ޕާޓީ ހަމަ މަގަށް އެޅޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ލީޑަޝިޕަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސް، އަލަށް ތިން ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ. ޕާޓީއަށް އާންމު މެމްބަރުން އިތުރުކޮށް، ގޮފިތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމައިފަ އެވެ.