މިފަހަކަށް އައިސް މުސްލިމުންނާއި އެތައް ގޮތަކުން ޢައިރު މުސްލިމުން ޚާއްސަކޮށް މުސްލިމުންނާ ހަސަދަވެރިިވެ ނަފްރަތު ކުރާ ޢަދާވާތްތެރިންގެ ހަމަލާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަނީ އާންމު ވެފައެވެ. އެގޮތުން އިއްޔެ މުޅި އިސްލާމީ އުންމަތް ކަރުނައިން ރޮއްވައިލީ ހުކުރަށް ގޮސް މިސްކިތުގައި ތިއްބާ ބަޑި ޖެހި ހާދިސާއެވެ. ނިއުޒީލެންޑްގެ ކްރިސްޓްޗާޗް ސަރަހައްދުގައިވާ ދެ މިސްކިތެއްގައި ބަޑި ޖަހައި ޝަހީދު ކޮއްލި 49 މުސްލިމުންގެ ހާދިސާއިންނެވެ. އިއްޔެ އަކީ މުސްލިމުންނަށް ކަޅު ހުކުރެކެވެ. ނަމަވެސް، މި ނުބައި ޢަމަލު ހިންގި މީހާއަކީ ޓެރަރިސްޓެކޭ ބުނަންވެސް ބައެއް ޤައުމުތަކަށް މިވަނީ ނުކުޅެދިފައެވެ.

އިއްޔެގެ ހުކުރު ވަގުތު ހިނގާދިޔަ މި ހާދިސާއަކީ މި ފަހަކުން މިފަދަ އަނިޔާވެރި ގޮތަކަށް ގިނަ ބަޔަކު ޝަހީދުކޮށްލެވުނު ހާދިސާއެވެ. މިސްކިތެއް ތެރޭގައި ހިންގުނު އެންމެ ބޮޑު ޤަތުލު އާންމެވެ. ނަމަވެސް އެކަން ކުރި ކަލޭގެ އެކަން ކުރަން ޖެހުނީ މުސްލިމުންނާ ހުރެ ކަމަށާއި އެއީ އެ ޤައުމުތަކުގައި މުސްލިމުންގެ އާބާދީ ބޮޑުވެގެން އަންނާތީ ވެގެން ދިޔަ ކަމެއްކަމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މިކަން ހިނގިތާ ގިނަ އިރުތަކެއް ނުވެ ވަނީ ބުނެފައެވެ.

ޓެރަރިސްޓް ކަލޭގެ އެ ނުބައި ނުލަފާ ޢަމަލު ހިންގީ މުޅި ދުނިޔެއަށް ފެންނަ ގޮތަށެވެ. ފޭސްބުކްގައި ލައިވް ކޮށްގެނެވެ. އޭނާ ގެންގުޅު ކަޅުކުލައިގެ ބަޑީގައި ހުދު ކުލައިގެ ލިޔުންތައް ވާތީ ފެނެއެވެ. އަދި ކާރުން ފައިބައިގެން މިސްކިތަށް ވަންނަ ތަން ފެނެއެވެ. އަދި ރަހުމް ކުޑަ ގޮތަކަށް އެއްވެސް ފިކުރެއް ނެތި ނަމާދަށް ތިބި އެތައް ބަޔަކު ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލާ މަންޒަރު ފެނެއެވެ. މީހުންގެ ރުއިމުގެ އަޑާއި ކުކުރުމުގެ އަޑު މުޅި މިސްކިތަށް ވެރިވެފައިވެއެވެ.

ޓެރަރިސްޓް ކަލޭގެ ގެންގުޅުނު ބަޑިއާއި އޭގައިވާ ލިޔުންތަކުގެ ތަފްޞީލް މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. ކޮންމެ ބަހެއް ނުވަތަ ލިޔުންކޮޅެއް އަމާޒުވަނީ މުސްލިމުންނާއެވެ. އަދި ތާރީޚީ އެކިއެކި ހާދިސާތަކަށެވެ. އިސްލާމީ ޚިލާފަތް ޔޫރަޕަށް ފެތުރިގެން ދިޔަ ދުވަސްވަރު ހިނގި ހަނގުރާމަތަކަށާއި އެ ދުވަސްވަރު މުސްލިމުންގެ މައްޗަށް ކުރި ހޯދި ވެރިންގެ ނަންތަކެވެ. އަދި އޭގެ ފަހުން އެކި ދުވަސްވަރު މުސްލިމުންނާ ދެކޮޅަށް ހިންގި އެކިއެކި އުދުވާނީ ހަމަލާތައް ދިން މީހުންގެ ނަންތަކެވެ. އަދި ތާރީޚްތަކާއި ރަމްޒީ ނިޝާންތަކެވެ.

މި ހާދިސާ ހުރިހާ ގޮތަކުން މުސްލިމުންނާ ދެކޮޅަށް ރޭވިފައިވާއިރު މި ހަމަލާދިން މީހާއަކީ ޓެރަރިސްޓެކޭ ނުބުނެވޭނެ ހެއްޔެވެ؟ ސުންނަތަށް އުޅޭ މީހާ ޓެރަރިސްޓަކަށްވެ އެއަރޕޯޓުތަކުގައި ނުފުުރި އުޅެން ޖެހޭއިރު މިފަދަ އަނިޔާވެރިއަކު ޓެރަރިސްޓަކަށް ނުވާންވީ ސަބަބެއްނެތެވެ. އެއީ ޓެރަރިސްޓެކެވެ. ކިތަންމެ ވަރަކަށް ޝޫޓަރެކޭ ބުނެ މަތި އޮމާން ކުރަން މަސައްކަތް ކުރިޔަސް ވެހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *