ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ސާބިތުކުރުމަށް ހެކިބަސް ދިނުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ނިންމައިފިއެވެ.
އެ ގޮތުން މާލެއިން ހަނދު ފެނުން މީހަކު ނުވަތަ ދުށް މީހާގެ ހެކިބަސް ދޭން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިިމަތީއެވެ. އެގޮތުން އަތޮޅު ތަކުގައިނަމަ އެ ރަށެށްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކުރިމަތީ ހެކިބަސް ދެވޭނެއެވެ.
އަދި ހެކިބަސް ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް އެ ހެކިބަސް ދޭ މީހާއަށް ދެވެން ވާނެއެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމެއް އިސްލާމީ މަރުކަޒުގައި ބާއްވައެވެ. އަދި ރޯދައަށް ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށްވެސް ބަލައެވެ.