ކޮޅުމަޑުލު ކަނޑޫދޫގެ ރައްޔިތުންނަށް މިއަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުން ރޯދަ މަހުގެ ކޭބަލް ފީ ކައުންސިލުން ދައްކައިދޭ ގޮތައް ނިންމައިފިއެވެ.
މިކަން ނިންމާފައިވަނީ މިއަދު އެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިޙު, ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރަށުގައި މީޑިއާ ނެޓް ބޭނުން ކުރާ ފަރާތްތަކުގެ އެއް މަހުގެ ފީ ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލުން ފީ ދައްކައިދެނީ މީޑިއާ ނެޓުން އަތޮޅުތެރެއަށް ދޫކުރާ އެންމެ އަގުބޮޑު ޕެކޭޖަށް ކަމަށްވެސް ނާސިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނީ ރޯދަ މަހު ރަށުގެ ހުރިހާ ގެއަކަށް ކޭބަލް ފީ ކައުންސިލްގެ ހަރަދުގައި ދައްކައިދޭން ނިންމާފައި، އެއީ 426 ގެ ޕެކޭޖު، އެ ޕެކޭޖަކީ މީޑިއާ ނެޓުން އަތޮޅުތެރެއަށް ދޫކުރާ އެންމެ އަގުބޮޑު ޕެކޭޖު" ނާސިޙު ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ ރަށުގެ 110 ވަރަކަށް ގެއަށް ކައުންސިލްގެ ހަރަދުގައި ކޭބަލް ފީ ދައްކައިދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ބައެއް ގޭގެއަށް އެބަހުރި އެއްކޮޅަށް ވުރެ ގިނަ ކޮޅުކޮޅު ވައްދާފައި. އެހެންކަމުން ފަހަރުގައި އެ އަދަދު އިތުރުވެދާނެ" ނާސިޙު ވިދާޅުވިއެވެ.
ކަނޑޫދޫގެ އިތުރުން ގިނަ ރަށްރަށުގެ ކައުންސިލުން ވަނީ ރޯދަމަހާއި ދިމާކޮށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ހަދިޔާތައް ރައްޔިތުންނަށް ދޭން ނިންމާފައެވެ.