ފެޝަން ފުރުޓު ނުވަތަ ޖުމްހޫރީ މޭވާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ހައްދާ, އެންމެންވެސް ކައި އުޅޭ މީރު މޭވާއެކެވެ. ހުރިހާ އެންމެންނަށްވެސް އޭގައި އެތައް ފައިދާއެއް އެކުލެވިގެންވާކަން އެނގޭނެއެވެ. ދިވެހިން ފެޝަން ފުރުޓަށް އެ ނަން ދެވުނީ އޭގެ އިނގިރޭސި ނަމަކަށްވާ 'ޕެޝަން ފުރުޓް' މިނަމުންނެވެ. މިއީ ދޮންވުމުން ހުތް ފޮނި ރަހައެއް ދޭ މީރު ވަހެއް ދޭ މޭވާއެކެވެ. މީގައި ދޮންވުމުން ދަނބު ކުލަ، ރީނދޫ ކުލަ، ރަން ކުލަ ޖެހޭ ވައްތަރު ހުރެއެވެ. ބައެއް ވެޔޮތަކުން ދޮންވުމުން އެކި ކުލަކުލަ ޖެހިފަ ހުންނަ މޭވާވެސް އަޅާ ވެޔޮ ހުންނަކަން ފާހަގަ ކުރެވެއެވެ. މިއިން ފަނި ގިރާލުމުން ވަރަށް މީރެވެ.
ރަމަޟާން މަހުގައިވެސް ހަށިގަނޑަށް ފައިދާހުރި އެންމެހައި ކާނާއެއް ކާން ޖެހޭ ވަގުތުތަކުގައި ގިނަގިނައިން ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކޮންމެ މީހަކުވެސް ޚާއްސަ އިސްކަމެއް ދޭން ވީ ރޭގަނޑުގެ ވަގުތުތަކުގައި ގިނަގިނައިން ދިޔާ އެއްޗެހި ބުއިމާއި މޭވާތައް ފަދަ ކާނާ ގިނަގިނައިން ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ފެޝަން ފުރުޓަކީ ވެސް ކެއުން ވަރަށް މުހިންމު އެއްޗެކެވެ. އެއީ ފެޝަން ފުރުޓަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެންވާ އަދި ވަރަށް ހަކަތަ ލިއްބައިދޭ މީރު މޭވާއަކަށް ވާތީއެވެ. އެހައި ގިނަ ސިއްހީ ފައިދާތައް ލިއްބައިދޭ މޭވާއަކި ރޯދަމަހުގައި މުސްލިމުންނަށް ވަރަށް ބޭނުންވާނެ ކާނާ ކަން ޔަގީނެވެ.
މި މީރު މޭވާއަކީ އޭގައި ތަފާތު މުހިންމު ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.
ހަކުރުބައްޔަށް ވަރަށް ރަނގަޅު މޭވާއެއް
ފެޝަން ފުރުޓަކީ އޭގައި 'ގްލިސެމިކް އިންޑެކްސް' މަދު މިންވަރަކަށް އެކުލެވިގެން ވުމާއެކު އޭގެ %10.4 އެކުލެވިފައިވަނީ ފަިބަރގެ ބާވަތުންނެވެ. މިއީ ހަކުރުބަލި ޖެހިފައިވާ މީހުންނަށް ނުވަތަ ހަކުރުގެ މިންވަރު މަތީ މީހުންނަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. އެ ކެއުމުން ގިނަ އަދަދެއްގެ ކެލޮރީ ހަށިގަނޑަށް އިތުރުނުކޮށް ބަނޑުހައިކަން ފިލުވައިދޭކަން ފާހަގަ ކުރެވެއެވެ.
ހަންގަނޑު ޒުވާންކަންމަތީ ދެމެހެއްޓުމަށް
އެންޓި އޮކްސިޑެންޓްސް އަކީ ހަންގަނޑަށް ވަރަށް ފައިދާ ކުރާ އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މާއްދާއެކެވެ. ފެޝަން ފުރުޓަކީ އޭގައި ވިޓަމިން އޭ، ވިޓަމިން ސީ، ރައިބޯފްލެވިން ފަދަ އެތަކެއް އެންޓި އޮކްސިޑެންޓެއް އެކުލެވިގެންވާ މޭވާއެކެވެ. އިންސާނުންގެ ގައިތެރޭގައިވާ ސެލްތަކުން ބޭކާރު އެއްޗެއް ގޮތަށް އުފެދޭ ފްރީ ރެޑިކަލް އެއްގެ ސަބަބުން ހަންގަނޑުގެ ޒުވާންކަން ގެއްލި ހަންގަނޑު 'މުސްކުޅި'ވާން ދިމާވެއެވެ. މި އެންޓި އޮކްސިޑެންޓްތަކަކީ މި ފަދަ ފްރީ ރެޑިކަލްތައް މަދު ކުރާ އެއްޗެކެވެ. ހަމަ އެހެންމެ އޭގައިވާ އިންފްލެމަޓޮރީ އަސަރުން ހަންގަނޑު އޮމާންކޮށްދީ ތާޒާކަން މަތީ ހަންގަނޑު ދަމަހައްޓައިދެއެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
ފެޝަން ފުރުޓުގެ ޖެލީ ނުވަތަ އައިސްކިރިމްއިން ނުވަތަ އޭގެ ފަނި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރަން އެދޭ ނަމަ ކާށެވެ. ފެޝަން ފުރުޓަކީ ވިޓަމިން ސީ، އަލްފަ ކަރޮޓިން ފަދަ އެތައް ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ މާއްދާ އެކުލެވިގެންވާ އެއްޗެކެެވެ. މީގެ އިތުރުން އޭގައި އަޔަން ނުވަތަ ދަގަނޑުގެ މާއްދާ އެކުލެވިގެންވެއެވެ. ލޭގެ ހެމަގްލޮބިން ނުވަތަ އެޗްބީ ހުންނަ މިންވަރު އިތުރުކޮށްދޭ މާއްދާއެއް ކަމަށް އަޔަން ވެއެވެ.
ހިތުގެ ބަލިތަކުން ދުރުކޮށްދޭ
ވަރަށް ގިނަ މިންވަރަކަށް ފެޝަން ފުރުޓުގައި އެކުލެވިގެންވާ މާއްދާތަކެއް ކަމަށްވާ ވިޓަމިން ބީސިކްސް އާއި ވިޓަމިން ބީތްރީ އަކީ ތައިރޮއިޑްގެ ނިޒާމު ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް އެހީވެދޭ މާއްދާތަކެކެވެ. މީގެ އިތުރުން ހިތުގައިވާ އަރޓެރިއަލް ފާރުތައް ހަރު ވިޔަ ނުދިނުމާއި، ހިތުގެ ވިންދު ފަދަ ނިޒާމުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މި މާއްދާތައް އެހީވެދެއެވެ. ހަމައެހެންމެ މީގައިވާ ފެނޯލިކް ކޮމްޕައުންޑްތަކާއި އަލްކަލޮއިޑްސް އަކީ ހާސްކަމާއި ނުތަނަވަސްކަމުން ދުރުކޮށް ދިނުމަށާއި، ނިދަން އުނދަގޫވާ ވުން ދުރުކޮށް ދިނުމަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާތަކެއްކަންވެސް ފާހަގަ ކުރެވެއެވެ.
ކަށިގަނޑު ބަލިކަށިވެ ފީވުމުން ސަލާމަތްކޮށްދޭ
ފެޝަން ފުރުޓަކީ އޭގައި ގިނަ އަދަދަކަށް ކެލްޝިއަމް، މެގްނީޝިއަމް، އަޔަން، ސޯޑިއަމް ފަދަ މިނަރަލްތައް އެކުލެވިގެންވާކަމަށް މަޝްހޫރުވެފައިވާ މޭވާއެކެވެ. މި މިނަރަލްތަކަކީ ކަށިގަނޑުގެ ބާރު ދަމަހައްޓައިދީ ކަށިގަނޑު ފީ ވިޔަ ނުދީ ވަރުގަދަކަން މަތީގައި ދަމަހައްޓައިދޭނެ އެއްޗެހިތަކެކެވެ. މި ފަދަ ކަށިގަނޑު ފީވާ ބަލިތަކަށްވެސް އަވަސް ފަރުވާއެއް ލިބުމަށް އިސް ދައުރެއް ފެޝަން ފުރުޓު އަދާކުރެއެވެ.