އަތަ ނުވަތަ 'ކަސްޓަރޑް އެޕަލް' އަކީ އޭގެއިން ދޭ މީރު ފޮނި ރަހައިގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެ އަށް ހިތް ކިޔާފައިވާ އެއްޗެކެވެ. ކުރީގައި ރާއްޖޭގެ ގިނަ ގޭތަކުގައިވެސް ހައްދާފައިވާ އަތަގަސްތައް މިހާރު ރާއްޖޭގެ ރަށްތަކުން ފެންނަނީ ވަރަށް މަދުންނެވެ. އެހެނަސް އަތައަށް އޮންނަ 'ޑިމާންޑް' ކުޑަވެގެން ނުދެއެވެ. އަދިވެސް 'ދިވެހިންގެ' ތާޒާ މޭވާތަކުގެ ތެރެއިން އެންމެ އެދެވެނީ ފޮނިފޮނި އަތައެއް ކާލުމަށެވެ. ހަމައެކަނި އޭގެ ރަހައަކަށް ނޫނެވެ. ބައެއް މީހުން އަތަ ކައި އުޅެނީ ނުވަތަ ކާން ބޭނުންވަނީ އޭގެއިން ލިބޭ ތަފާތު ސިއްޙީ ފައިދާތަކުގެ ސަބަބުންނެވެ.
ރޯދަމަހަކީ ދިވެހިން ފަދަ ސައްރަ އިންސައްތަ މުސްލިމް ގައުމެއްގެ މީހުންނަށް ވަރަށް ޚާއްސަވާނެ މައްސަރެއްކަން ކަށަވަރެވެ. ރޯދަ ވީއްލާ ގަޑި އަދި ހާރުކާ ގަޑިތަކުގައި ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ކެއުމަށް ދިވެހިން ވަރަށް ލޯބިކުރެއެވެ. މިގޮތުން އަތަ ފަދަ ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެންވާ ކާނާ ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ކެއުމަކީ ވަރަށް މުހިންމުކަމެކެވެ. ގިނަ އަދަދެއްގެ ދިވެހިންނަކީ އަތައިން ފަންޏާއި ޖޫސް ތައްޔާރުކޮށްގެން ބުއިމަށް އިސްކަން ދޭ މީހުންކަމީ ވަރަށް އުފާވެރި ކަމެކެވެ.
އަތައަކީ އޭގެ ބޭރުގައިވާ ހިލަ ތޮށިގަނޑުގެ އެތެރޭގައި ހަށިގަނޑަށް ފައިދާ ކުރާ މާއްދާތަކުގެ 'ޚަޒާނާއެއް' އެކުލެވިގެންވާ އެއްޗެކެވެ. އޭގެ އޮށް ތަކުގެ ބޭރުގައި ހުދު 'ކަސްޓަރޑް' ގަނޑަކީ ގުދުރަތީ ބޭހެކޭވެސް ބުނެވިދާނެއެވެ.
އަތައިން ލިބޭ ބައެއް ފައިދާތައް
މާބަނޑު ދުވަސްވަރުގައި:
އަތައަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި، ނާރުތަކުގެ ނިޒާމު އަދި ދިފާއީ ނިޒާމު އުފެދޭ ދުވެލި އަވަސްކޮށް ދިނުމަށް އެހީވުމާއެކު ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުން ފުރިހަމަކޮށް ދިނުމުގައި އިސް ދައުރެއް އަދާކޮށްފާނެ އެއްޗެކެވެ. މީގެ އިތުރުން ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔުމުގެ ފުރުސަތު ކުޑަ ކުރުމަށްވެސް އަތަ ކެއުމުން އެހީ ވެދޭނެއެވެ. ހަމަ އެހެންމެ ވިހާއިރު އަޅާ ވޭން ކުޑަަކޮށްދީ ފަސޭހަކަމާއެކު ވިހުމަށްޓަކައި އަތަ މާބަނޑު ދުވަސްވަރުގައި އަތަ ކެއުމުގެ ދައުރު ވަނީ ޑޮކްޓަރީ މާހިރުންވެސް އަޖައިބު ކުރުވާފައެވެ. އަތަ އަކީ މާބަނޑު އަންހެނުންނަށް ހުރި ވަރަށް ނިޢުމަތްތެރި މޭވާއެކޭ ވެސް ބުނެވިދާނެއެވެ. އެހެނީ އޭގެ ސަބަބުން ހެނދުނު ގަޑީގައި އަންްހެނުންނަށް ޖެހޭ އުނދަގޫތައް ނުވަތަ 'މޯނިންގް ސިކްނެސް'، ބޯއަނބުރައި ހޮޑުލެވުން، މޭ ނުބައި ކުރުން އަދި މޫޑު ބަދަލުވުންތައް ވެސް ކޮންޓްރޯލްކޮށް، ރަނގަޅުކުރުމަށްވެސް އަތައިގައިވާ މާއްދާތައް އެހީވެދެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރުގައި ގަވާއިދުން އަތަ ކެއުމުގެ ސަބަބުން އަންހެނުންގެ ހަށިގަނޑުގައި ދަރިފުޅަށް ކިރު އުފެއްދުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެންދާ ކަމަށްވެސް ވެއެވެ.
ހަންގަނޑާއި ބޮލުގެ އިސްތަށިތަކަށް:
އަތައިގައިވާ ވިޓަމިން އޭ މާއްދާގެ ގިނަކަމުގެ ސަބަބުން އެއިން ހަންގަނޑަށާއި، ބޮލުގެ އިސްތަށިގަނޑަށާއި ލޮލުގެ ފެނުމުގެ ނިޒާމަށް ފުރިހަމަކަމެއް ގެނެސްދެއެވެ. އޮމާންކޮށް ދިނުމަށާއި ޒުވާންކަން ދެމެހެއްޓުމުގައި އިސް ދައުރެއް ވިޓަމިން އޭ އަދާ ކުރެއެވެ. އަތައިގައިވާ ދިޔަ ބާމެއްގެ ގޮތުގައި ހަންގަނޑަށް ޖެހިފައިވާ ބަލިތައް ނުވަތަ މައްސަލަތަކުން ފަރުވާ ލިބިގަތުމަށް ބޭނުން ކުރެވެއެވެ. މީގެ އިތުރުން އަތައިގެ ބޭރުގައިވާ ތޮށިގަނޑަކީ ދަތްތައް ހަލާކުވެ ފޮރި ޖެހުމުން ދުރުކޮށް ދިނުމަށް އެހީވެދޭ އެއްޗެކެވެ. ހަމައެއާއެކު ހިރުގަނޑުގައި ރިހޭ ރިހުންވެސް ލުއި ކޮށްދިނުމަށް އެހީވާ މާއްދާ އަތައިގައި އެކުލެވިގެންވާ ކަމަށްވެއެވެ.
ހާޓް އެޓޭކް އާއި ހިތުގެ ބަލިތަކަށް:
އަތައަކީ އޭގައި މަތީ މިންވަރަކަށް މެގްނީޝިއަމްގެ މާއްދާ އެކުލެވިގެންވާ މޭވާއެކެވެ. މީގެ ސަބަބުން ހިތުގެ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އެހީވެދިނުމުގެ އިތުރުން މަސްގަނޑުތައް ރިލޭކްސްވެ ހަމަޖެހުމަށް އެހީވެދެއެވެ. މީގެ އިތުރުން އަތައިގައިވާ ވިޓަމިން ބީ ސިކްސްގެ މާއްދާ އަކީ ހާޓް އެޓޭކް އަށް މަގުފަހިކޮށްދޭ އެއްޗެއް ކަމަށްވާ 'ހޮމޮސިސްޓެއިން ކަލެކްޝަން' މަދު ކޮށްދޭން އެހީވެދޭ އެއްޗެކެވެ. ނަތީޖާ އެއްގެ ގޮތުން ލޭ ދައުރުވުމުގެ ނިޒާމަށް ފުރިހަމަކަމެއް ގެނެސްދެއެވެ.
ހަޖަމް ކުރުމުގެ ނިޒާމަށް:
އަތައަކީ ކޮޕަރގެ މާއްދާއިންނާއި ޑައެޓަރީ ފައިބަރ އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މީގެ ސަބަބުން ކާ އެއްޗެހި ހަޖަމްކުރުމަށް ފަސޭހަވެ، ކާއެއްޗެއްސަށް ހަރަކާތްވެ އުޅުމަށް ފަސޭހަވެގެން ދެއެވެ. ބޭރަށް ހިނގާ ރޯގާ ފަދަ ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ އެއްގެ ގޮތުން ހިއްކައިފައިވާ އަތައިގެ ދިޔަ ބޭނުންކުރަން އިލްތިމާސް ކުރާ މާހިރުންގެ އަދަދު ގިނައެވެ.
މިކަންކަމުގެ އިތުރުން ބްލަޑް ޕްރެޝަރ ކޮންޓްރޯލް ކުރުމާއި، ކޮލެސްޓްރޯލް މަދުކޮށް ދިނުމަށާއި، ވަރުދަން ލުއިކޮށް ދިނުމަށާއި ނޭވާ ހިއްލުން ފަދަ ކަންކަމަށް އަތައިގައިވާ މާއްދާތައް އެހީވެދެއެވެ.