މިހާރު ބަންގާޅު ސަރަހައްދުގައި އުފެދެމުންދާ ތޫފާން "ފަނި"ގެ އަސަރެއް ދިވެހި ރާއްޖެއަށް ކުރާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ރާއްޖެގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ބަންގާޅު އަދި ސްރީލަންކާ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ސައިކްލޯނެއް ކަމަށްވާ "ފަނި"ގެ އަސަރު ދިވެހި ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި އެ ތުފާން ދަތުރުކުރަމުންދަނީ ދިވެހި ރާއްޖެ އާއި ދުރުން ކަމަށްވެސް ވިދާޅުވިއެވެ.
ބޭރުގެ ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި، ތޫފަން ދަނީ އަދިވެސް އިތުރަށް ބާރު ގަދަވަމުންނެވެ. އަދި މި ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ ސްރީލަންކާ އަދި އިންޑިއާ އަށެވެ.
ސްރީ ލަންލާގެ ޓްރިންކޯމަލީގެ އިރުދެކުނުން 745 ކިލޯމީޓަރު ކައިރިން އުފެދުނު ތޫފާން ފަނީގެ އަސަރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް ކުރާނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓަށެވެ.