މިފެށޭ މެއި މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގައި މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ލަވައެއް ހިމެނޭކަން ކަށަވަރުވެއްޖެއެވެ.
މިހާރު ވަރަށް ގިނަ ބައެއްގެ ލޯބި އަދި ސަޕޯޓް ހޯދާފައިވާ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ބޮލީވުޑަށް ތައާރަފް ވީ ސްޓޫޑެންޓް އޮފް ދަ އިޔާ ފިލްމުގެ ފުރަތަމަ ބައިންނެވެ. އެފިލްމުގެ ދެވަނަ ބައި މިފެށޭ މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓައިގާ ޝްރޮފާއި އެކު އޭނާ ފެނިގެންދާ ލަވައިގެ މަންޒަރެއްގެ ފޮޓޯ ވެސް އާލިއާ އާއި ކަރަން އަދި ޓައިގާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. "ހުކަޕް ސޯންގް"ގެ ނަން ދީފައިވާ ލަވައިން އާލިއާ އާއި ޓައިގާ ފެނިގެން ދާނީ ވަރަށް ވެސް ގްލެމަރަސް އަދި އެހާމެ ފޯރި ގަދަ ޑާންސް ލަވައަކުންނެވެ. އެ ލަވަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދައްކައިލާނެ އެވެ.
ޕުނީތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ތަރިންނަކީ، ޓައިގާ ޝްރޮފް އާއި އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.