ސޯސަން މަގު "ސިންދިތާ"އިން ދެފުޅި ސެންޓް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ 22:40 ހާއިރު ސަބުނަމު މަގުން ދިޔަ 20 އަހަރުގެ ޒުވާން ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން، އެ ވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އޭނާ ހުއްޓުވައި، ބަލައިފާސްކުރި އިރު، އޭނާގެ އަތުން "ސިންތިދާ" ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތް ދެ ސެންޓް ފުޅި ފެނިފައިވާ ކަމަށެވެ.
އަދި އެ ސެންޓްފުޅީގެ މައުލޫމާތު އިތުރަށް ސާފުކުރުމަށް "ސިންދިތާ" ފިހާރައަށް ގޮސް ސުވާލުކުރުމުން އެ ދެ ސެންޓު ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ސެންޓް ފުޅި ވަގަށް ނެގި ޒުވާނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހެލްމެޓް އަޅައިގެން ފޭރުމާއި ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމަށް ފަހު ،ފޭރޭ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.