ސުޕަރ ފުޑް އަކީ ގިނަ ގޮތްގޮތުން، ގިނަ ވައްތަރުގެ ފައިދާތައް ހަށިގަނޑަށް އެއިން ލިއްބައިދޭ މާއްދާތައް އެކުލެވޭ ކާނާތަކެވެ. ބިހަކީ އޭގެ ތެރެއިން އެކައްޗެކެވެ.
ރޯދަމަސް ފަދަ ހާރުކައިގެން ދުވާލު އެއްކޮށް ނުކައި ނުބޮއި ހުންނަން ޖެހޭ މައްސަރެއްގައި ކޮންމެ މީހަކުވެސް ލިބެން ހުރި ހުރިހާ ސިއްހީ ފައިދާތައް ލިބިގަންނާނޭ ދުވަސްވަރެވެ. ރޯދަ މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުގެ ގޮތުން ދިވެހިންނަށް ކާން ބޭނުންކުރާ ގިނަ ކާނާތަކުގައި ބިސް ބޭނުންކުރާކަން ފާހަގަކުރެއެވެ. ބިހަކީ ވަރަށް ގިނަގުނަ ފައިދާތައް ސިއްހަތަށް ލިބިދޭ ކާނާއެއް ކަމުން ރަމަޟާން މަހުގައި ބިހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޚާއްސަ އިސްކަމެއް ދިވެހިން ދޭކަން ފާހަގަކުރެވެއެވެ.
ތައްޔާރުކުރާ ފޮނި ކާއެއްޗެއްސާއި ކުޅި ކާ އެއްޗެހީގައި ބިސް ބޭނުން ކުރެއެވެ. ރޯދައަށް ގަންނަ ސާމާނުތަކުގެ ތެރެއިން ކޮންމެ ގެއަކަށްވެސް ބިސް ކޭހެއް ގަންނަ ކަމުން ހާމަވެގެންދަނީ ބިސް ކައިގެން ދިވެހިން ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދޭ އަހަންމިއްޔަތުގެ ބޮޑުކަމެވެ.
އެންމެ ކުރީ ޒަމާނުއްސުރެ އިންސާނުން ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންކުރި ކާނާއެއް ކަމަށްވާ، ބިސް، ފެޝަނުން ނުދިޔައެވެ. ދުވާލަކު އެއްބިސް ނަމަވެސް ނުކެވޭ ނަމަ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ. ކެއްކި ބިހާއި، ސްކްރޭމްބްލްޑް އެގްސް، ބިސްގަނޑުފަދަ މީރު ކާނާތައް ބިހުން ތައްޔާރުކުރެއެވެ.
މިހައި ޢާންމު އެއްޗަކަށް ބިސްވާއިރު އެއިން ލިބޭ ގިނަ ފައިދާތައް އެނގުން މުހިންމެވެ.
ބަރުދަން ލުއިކޮށް ދިނުން
ބިހަކީ އެ ކެއުމުން އެހެން ކާނާތަކަށްވުރެ އަވަހަށް ބަނޑުފުރޭކަމުގެ އިހުސާސް ކުރުވާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ބިހުގެ މަދު މިންވަރެއް ކެއުމުންވެސް އިތުރު ކާނާއަކަށް ބޭނުން ނުވެ ބަނޑު ފުރޭނެއެވެ. ގިނައިން ކެއުމުން ދުރުވުމަށް ބިހަކީ އޮތް ރަނގަޅު ހައްލެކެވެ.
ލޮލުގެ ފެނުން ފުރިހަމަކޮށްދިނުން
އުމުރުން ގިނަ ދުވަސްވާ ވަރަކަށް ލޮލުގެ ފެނުމަށް ބަދަލުތަކެއް އަންނާނެއެވެ. ލޮލުގެ ފެނުން ސާފުކޮށް ދިނުމަށް އެހީވެދޭ ކާނާއެއް ކަމަށް ބިސްވެއެވެ. ބިހުގެ ދޮން ގޮބޮޅީގައި އެކުލެވިގެންވާ ލިއުޓިން އަދި ޒިއެކްތިން އަކީ ލޮލުގެ ކޮއި ގެ ސިއްހަތަށް ވަރަށް ރަނގަޅު މާއްދާތަކެކެވެ.
މީގެ އިތުރުން ބިހަކީ އޭގައި މަތީ މިންވަރަކަށް ވިޓަމިން އޭ އެކުލެވިގެންވާ ކާނާއެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ މާއްދާއެކެވެެ.
ސްޓްރޯކްއާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދިނުން
ބިހަކީ އޭގައި އެކުލެވޭ ކޮލެސްޓްރޯލްގެ ސަބަބުން ހިތުގެ ބަލިތައް ޖައްސާ އެއްޗެއްކަމަށް މީހުންނަށް ހީވެފައިވެއެވެ. ނަމަވެސް ބިހުގައި އެކުލެވިގެންވަނީ "ރަނގަޅު" ކޮލެސްޓްރޯލްއެވެ. ދެ ލައްކައަށްވުރެވެސް ގިނަ މީހުން ބައިވެރިކޮށްގެން ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުން ގަވާއިދުން ބިސްކާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑައެވެ.
ލޭ ދައުރުވުމަށް އަޅާ ހުރަސްތަކުން ދުރުކޮށްދިނުން
ކުރެވުނު ގިނަ ދިރާސާތަކުން ދައްކާގޮތުން ލޭ ދައުރުވުމަށް ފަސޭހަކޮށްދޭ މާއްދާތައް ބިހުގައި އެކުލެވިގެންވެއެވެ.
ކޮލައިން އިތުރުކޮށްދިނުން
ކޮލެއިންއަކީ އިންސާނުންނަށް ވަރަށް ބޭނުންވާ ނަމަވެސް ވަރަށް މަދުން ލިބޭ މާއްދާއެކެވެ. މިއީ ހަށިގަނޑުގައި ސެލް މެމްބްރޭންތައް ހެދުމަށް އެހީވެދެއެވެ.