މުރަނގަ ފަތަކީ ދިވެހިން އަބަދުވެސް ކެއުމަށް ބޭނުންކުރާ ފަތެކެވެ. މުރަނގަތޮޅިން ރިހަ ނުވަތަ ކިރުގަރުދިޔަ ކައްކައިވެސް އުޅެއެވެ. ތެލުލި ފަތާއި ބަތާއި ރިހާކުރު ނުވަތަ ގަރުދިޔަ އަކީ ގިނަ އަދަދެއްގެ ދިވެހިން ބަނޑުކެއުމަކަށްވެސް ބޭނުން ކުރާ އެއްޗެކެވެ. ގިނަ ދިވެހިންނަށް އެއާ ނުލައި ނުކެވޭ އެއްޗަކަށްވެސް ތެލުލި ފަތްވެއެވެ. ނަމަވެސް ތެލުލި މުރަނގަފަތް ކެއުމަށްވުރެ ސިއްހަތަށް ފައިދާކުރަނީ ތާޒާ، ރޯ މުރަނގަފަތެވެ.

މުރަނގަފަތަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ މީރު ފަތެކެވެ. އޭގައި ހުންނަ ތަފާތު ބާވަތްތަކުގެ އެކި ރޮނގުރޮނގުން ލިއްބައިދޭ ސިއްހީ ފައިދާތަކަކީ އެއާ ނުލައި އުޅެން ދިވެހިންނަށް ވަރަށް ދަތިވާނެ ފައިދާތަކެއްކަން ކަށަވަރެވެ. ހަމައެފަދައިން ރޯދަ މަހުގައި މި ސިއްހީ ފައިދާތައް ދިވެހިންނަށް ލިބުންވާނީ ވަރަށް މޮޅު ކަމަކަށެވެ.

ރާއްޖެއިން ބޭރުގެ ތަފާތު ހިސާބުތަކުގައިވެސް މުރަނގަފަތުގެ ތަފާތު ބޭނުންތައް ހިފަމުން އަންނަތާ ގިނަ ޒަމާންތަކެއް ވެއްޖެއެވެ. ގުދުރަތީ ގޮތުން ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރާ ބޭހެއްގެ ގޮތުގައިވެސް މުރަނގަފަތްވެއެވެ. ދުނިޔޭގެ ގިނަ ހިސާބުތަކުގައި މުރަނގަފަތް ފެންނަނީ މަދުންނެވެ. ނަމަވެސް މި ފައިދާހުރި ފަތް ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ލިބެން ހުންނަ ކަމީ މާތްﷲ އަހަރެމެންނަށް ލައްވާފައިވާ ބޮޑު ނިޢުމަތެކެވެ.

މުރަނގަފަތުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާތައް

ފާރުތައް ފަސޭހަވުން އަވަސްކޮށްދޭ

މުރަނގައިގަ ހުންނަ 'ބްލަޑް ކްލޮޓިން' އަސަރުގެ ސަބަބުން ފާރުތައް ފަސޭހަކޮށްދިނުމަށް އެހީވެދެއެވެ.

އިންފްލެމޭޝަންތަކުން ދުރުކޮށްދޭ

އިންފްލެމޭޝަންތަކަކީ ރޯގަތަކާއި، ޢާންމުކޮށް ޖެހޭ ބަލިތަކަށް މަގުފަހި ކުރުވާ އެންމެ މައިގަނޑު އެއް ސަބަބެވެ. މުރަނގަފަތަކީ އިންފްލެމޭޝަންތަކުން ދުރުކޮށްދޭ މާއްދާތައް އޭގައި އެކުލެވިގެންވާ ފަތެކެވެ.

ހަކުރުބަލިން ދުރުކޮށްދޭ

މުރަނގަފަތަކީ ގްލޫކޯޒް އާއި ލިޕިޑް މަދު ކޮށްދިނުމަށް އެހީވެދޭ މާއްދާތައް އޭގައި އެކުލެވިގެންވާ ކާނާއެކެވެ. މީގެ އިތުރުން ސެލްތައް ހަލާކުވާ ބާރުމިން ލަސްކުރާ އެއްޗަކަށް މުރަނގަފަތް ވެެއެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

މުރަނގަފަތުގައިވާ ކޮލެސްޓްރޯލް މަދުކޮށްދިނުމާއި، ލޭ ގަނޑުވުމުން ދުރުކޮށްދޭ ގާބިލްކަމުގެ ސަބަބުން ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ދިޔުމަށް އެޅޭ ހުރަސްތައް ނައްތާލައެވެ.

ބްލަޑް ޝުގަރ ލެވަލް ދަށްކޮށްދޭ

ގިނަ ދިރާސާތަކުން ދެއްކިގޮތުން ގަވާއިދުން މުރަނގަފަތް ކާ މީހުންގެ ބްލަޑް ޝުގަރ ހުންނަ މިންވަރު މަދުކޮށްދެއެވެ.

ސިކުނޑިއަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭ

މީގެ ތެރޭގައި އޯލްޒައިމަރސް، އަވަހަށް ކުއްލިއަކަށް ހަނދާން ނެތުން ފަދަ ބަލިތައް ހިމެނެއެވެ. އޭގައިވާ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން މީހާގެ ނަފްސާނީ ސިއްހަތު ދުޅަހެޔޮކަންމަތީ ބަހައްޓައިދީ ސިކުނޑީގެ ގިނަ ބަލިތަކުން ދުރުކޮށްދިނުމަށް މުރަނގަ ފަތް އެހީވެދެއެވެ.

އިންފެކްޝަންތަކުން ދުރުކޮށްދޭ

އޭގައިވާ އެންޓިބެކްޓީރިއަލް އަސަރުތަކުގެ ސަބަބުންނާއި އެންޓި މައިކްރޯބަޔަލް އަސަރުތަކުގެ ސަބަބުން ހަންގަނޑަށް ޖެހޭ ބަލިތަކާއި އިންފެކްޝަންތަކުން ސަލާމަތް ކޮށްދޭ ފަތެއް ކަމުގައި މުރަނގަފަތް ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *