ގަނދަގޯޅިއަކީ ދިވެހިންނަށް ބީރައްޓެހި އެއްޗަކަށް ނުވާނެއެވެ. އިހު ޒަމާނުއްސުރެ ބޭސްވެރިކަމާއި މި ނޫންވެސް ގިނަ ބޭނުންތަކަށް ދިވެހިން އަންނަނީ ގަނދަކޯޅި ގަހުގެ ތަފާތު ބައިތައް ބޭނުން ކުރަމުންނެވެ. ގިނަ ބަލިތަކަށް ޝިފާ ދޭ ބޭހެއްގެ ގޮތުގައާއި ހަށިގަނޑަށް ކުރިމަތިވާ ގިނަ މައްސަލަތަކުގެ ހައްލަކަށް ގަނދަކޯޅި ފުދެއެވެ.

އިނގިރޭސިން ގަނދަކޯޅި މަޝްހޫރުވެފައިވަނީ ބެސިލް ގެ ނަމުންނެވެ. ގަނދަކޯޅީގައިވެސް ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ އެކި ވައްތަރުތަކުން ދެނީ އެކި ރަހައާއި އެކި ވަހެވެ. އޭގެ ތެރޭގައި ފޮނި ރަހައެއް ދޭ ގަނދަކޯޅިއަކާއި ހުތް ރަހައެއް ދޭ ގަނދަކޯޅި ހިމެނެއެވެ.

ރޯދަމަހުގައިވެސް ގަނދަކޯޅިފަދަ ފަތްތައް ކާނާގެ ގޮތުގައި ބޭނުން ކުރުމަކީ މުހިންމުކަމެކެވެ. އެއީ ގަނދަކޯޅިއަކީ ގިނަގުނަ ސިއްހީ ފައިދާތައް އޭގައި އެކުލެވިގެންވާ ފަތެއް ކަމަށް ވުމުން ރޯދަމަހުގައިވެސް މި ފަތް ކާނާގެ ގޮތުގައި ބޭނުންކުރުން ބުއްދިވެރިއެވެ. ރަމަޟާން މަހުގައި ސިއްހަތަށް ފައިދާހުރި އެންމެހައި ވައްތަރެއްގެ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ގަނދަކޯޯޅިއަކީ މީހާ ތާޒާ ކުރުވުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ފަތެކެވެ. ބަލިތަކާއި އިންްފްލެމޭޝަންތަކުން ދުރުކޮށްދޭ ހުރިހާ ވައްތަރެއްގެ ކާނާއެއް ވެސް ރޯދަމަހުގެ ރޭގަނޑު ވަގުތުގައި ގިނަގިނައިން ކާން ވާނެއެވެ.

ގަނދަކޯޅިއަކީ ދިވެހިން ކެއްކުމަށް މާ ގިނައިން ބޭނުންކޮށް އުޅޭ ފަތަކަށް ނުވިނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުން ކައްކާއިރު ޢާންމުކޮށް ގަނދަކޯޅި ބޭނުންކޮށް އުޅެއެވެ. ގަނދަކޯޅިން ލިއްބައިދޭ ސިއްހީ ފައިދާތަކަކީ ސައިންޓިސްޓުންވެސް ޚައިރާން ކުރުވައިފައިވާ ފައިދާތަކެކެވެ.

ގަނދަކޯޅިން ލިބޭ ބައެއް ފައިދާތައް

ސްޓްރެސްއިން ދުރުކޮށްދިނުން

ގަނދަކޯޅިއަކީ އެޑަޕްޓޮޖެން އެއްފަދައިން މަސައްކަތް ކުރާ އެއްޗެކެވެ. އެޑެޕްޓޮޖެން އަކީ ސްޓްރެސްއިން މީހާ ދުރުކޮށްދީ ނަފްސާނީ ސިއްހަތު ސަލާމަތުން ބަހައްޓައި ދިނުމަށް އެހީވެދޭ ގުދުރަތީ މާއްދާއެކެވެ. ސްޓްރެސް އިން ދުރުކޮށް ދިނުމަށް ގަނދަކޯޅި މަސައްކަތް ކުރަނީ ތަފާތު ގޮތްގޮތަށެވެ. ކުރެވުނު ގިނަ އަދަދެއްގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ނިދުމުގައި ދިމާވާ މައްސަލަތައް، ހަނދާން ނެތޭ ބަލިތައް، ނުތަނަވަސް ވުމާއި ހާސްކަން ފަދަ އެތައް ކަމަކުން މީހާ ދުރުކޮށް ދިނުމަށް ގަނދަކޯޅި އެހީވެއެވެ.

ބަނޑަށް ދިމާވާ ގިނަ މައްސަލަތަކަށް

ބަނޑު އެތެރޭގައި އުފެދޭ އެސިޑްތަކުގެ މިންވަރު މަދުކޮށްދޭ އެއްޗެއް ކަމަށް ގަނދަކޯޅިވެއެވެ. މީގެ އިތުރުން ބަނޑުގައި މިއުކަސް ސެލްތައް އިތުރުކޮށްދީ، އެ ސެލްތައް ދިރިހުންނަ މުއްދަތު އިތުރުކޮށްދޭ އެއްޗަކަށްވެސް ގަނދަކޯޅިވެއެވެ. މިކަމުގެ ސަބަބުން ބަނޑަށް ދިމާވާ ތަފާތު އެތައް މައްސަލައަކާ ދެކޮޅަށް ހަރަކާތްތެރިވާ ބޭހަކަށް ގަނދަކޯޅިވެއެވެ. އޭގެ ތެރޭގައި ގޭހުގެ އުނދަގުލާއި، ބޭރަށް ހިންގުމާއި މި ނޫންވެސް ބައެއް ބަލިތައް ހިމެނެއެވެ.

ގިނަ ވައްތަރުގެ ކެންސަރުތަކާއި ދެކޮޅަށް ހަރަކާތްތެރިވޭ

ގަނދަކޯޅީގައި އެކުލެވިގެންވާ އިޔުޖެނޯލް، ރޯސްމެރެނިކް އެސިޑް، އެޕިޖެނިން ފަދަ ގިނަ އަދަދެއްގެ ފައިޓޯ ކެމިލް މާއްދާތަކުގެ ސަބަބުން ކެންސަރަށް މަގުފަހި ކުރުވާ ނުރައްކާތެރި އެތައް މާއްދާތަކަކާއި ދެކޮޅަށް ގަނދަކޯޅި މަސައްކަތް ކުރެއެވެ. މި ކެންސަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރު، ހަންގަނޑަށް ޖެހޭ ކެންސަރު، ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ. އޭގައިވާ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ސެލްތައް ޑިވައިޑްވާ މިންވަރު ލަސްކޮށްދޭ ކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރު ސެލް އުފެދުމަށް ހުރަސް އެޅެއެވެ.

އިންފްލެމޭޝަންތަކުން ދުރުކޮށްދޭ

ހަށިގަނޑުގެ ގުނަވަންތައް ދުޅަވެ ތަދުވާތީ ދެވޭ ގިނަ ބޭހުގައި އެކުލެވޭ އަސަރުތައް ގަނދަކޯޅީގައި ގުދުރަތީ ގޮތުން އެކުލެވިގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ތަންތަން ތަދުވުމުން ނުވަތަ ދުޅަވުމުން ގަނދަކޯޅީގެ ދިޔަ ހޭކުމުން ފަސޭހަ ވެގެންދެއެވެ. ގަނދަކޯޅިން ބޭރުކުރާ ގުދުރަތީ އާވިގެ މާއްދާއިން މަސްގަނޑަށް އަރާމުކުރުވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *