ކޮންގްރެސްގެ ސައްހަ މެމްބަރުންގެ އަދަދު 18000 އަށް އެރުވުމަކީ ފުރަތަމަ އަމާޒު ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ސުޖާއު މިރޭ ކުރެއްވި ޓުވީޓެއްގަައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ސައްހަ މެމްބަރުންގެ އަދަދު 18000 އަށް އެރުވުމަކީ ފުރަތަމަ އަމާޒު ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި އިބްރާހިމު ސުޖާއު، އެ ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 139 މީހުންގެ ތެރެއިން، 122 މީހުންގެ ވޯޓުންނެވެ. މިއަދު ބޭއްވި ޕީއެންސީގެ ފުރަތަމަ މަޝްވަރާ މަޖިލީހުގެ ޖަލްސާގައި ވަނީ ނައިބު ރައީސް އިބްރާހިމް ސުޖާއު އާއި އެޕާޓީގެ ޒުވާނުންނާއި ގުޅުން ހުރި ކަންތައްތަކާއި އަދި ޕާޓީގެ އިވެންޓް ތަކުގެ ޒިންމާތައް ހަވާލުކުރައްވާފައެވެ.
އިބްރާހިމް ސުޖާއުގެ އިތުރުން ޕީއެންސީގެ ރައީސް ކަމަށް އިންތިހާބު ކުރެވިގެންދިޔައީ، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިޙާން ހުސެން މަނިކާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި މުހައްމަދު ހުސެއިން ޝަރީފް، (މުންދު) އެވެ.