މިއަދު ހަވީރު މަޖީދީމަގުގައި އިންނަ ވެލިގާ ހާޑްވެއާ ފިހާރަ ކައިރިން، ސައިކަލެއްގައި ދިޔަ ދެމީހަކު އެމަގުން ދިޔަ ބިދޭސީ އެއްގެ ފޯނު ފޭރިގަނެގެން ދަނިކޮށް ފުލުހުން އެދެމީހުން އަތުލައިގަންފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 16:21 ހާއިރު، މަޖީދީމަގުގައި ހުންނަ ވެލިގާ ހާޑް ވެެއާ ފިހާރަ ކައިރިން، ރަތް ކުލައިގެ ޖީއެން ސައިކަލެއްގައި ދެމީހަކު، އެމަގުން ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން ދަނިކޮށް ފުލުހުން ވަނީ އެމީހުން ހުއްޓުވާ ހައްޔަރުކޮށްފައި ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ފޭރިގަތުމުގެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރީ، 29 އަހަރުގެ ޒުވާނަކާއި އަދި 44 އަހަރުގެ މީހެއް ކަމަށެވެ. އަދި، ފުލުހުން ވިދާޅުވީ، އެދެމީހުން ހައްޔަރުކޮށްފައިވަނީ، ލޮނުޒިޔާރަތްމަގާއި ރަތްވިލާ ހިނގުން ގުޅޭ ކަންމަތިން ކަމަށެވެ. މިހާރު ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި މިދުވަސްވަރު ފޭރުމާއި ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަފްތާގައި ވެސް ވަނީ މާލޭ މަގުމަތިން ލަންކާގެ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.