އާދިއްތަ ދުވަހު ލަންކާ އަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހި ފުލުހުންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ދިވެހި ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީއަށް ޒިޔާރަތް ކުރައްވާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
ސްރީލަންކާ އަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ވަނީ މި ފާއިތުވެދިޔަ 7 ދުވަހު އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެގައުމުގެ މަޝްރަހު އަދިވެސް ހަމައަކަށް ނޭޅީތީ އެގައުމުގެ ސުކޫލްތަކާއި ކޮލެޖްތައް ވެސް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 6 ވަނަ ދުވަހެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން މިހާރު ވަނީ އުފުލާފައެވެ.