ދިވެހިން މީސްމީޑިއާގެ އެކި ހަރުފަތްތަކުގައި ފައިގަދަކޮށްފިއެވެ. ތަނަކަށް ކާން ދިޔަނަމަވެސް އެންމެ ފުރަތަމަ ކަމަަކީ އެކަން މީސްމީޑިއާއިން ދުނިޔެއަށް ހާމަކޮށްލުމެވެ. އެގޮތުން ލޯބިވެރިންގެ ލޯބީގެ ދަރުބާރަކަށްވެސް މީސްމީޑިއާ މިވަނީ ވެ ނިމިފައެވެ. ލޯބި ހުށަހެޅުމުން ގޮސް އިނދެ ވަރި ކުރާ ކޯޓަކަށްވެސް މީސް މީޑިއާއެވެ.
މީގެ ދެ ދުވަހެއްކުރިން ފެނުނު ސްޓެޓަސްއެކެވެ. "މި ދުނިޔޭގައިވެސް ކަލާ ފިޔަވާ އެދޭކަމެއް ނެތޭ" ބުނެ ދަންނަ ކުއްޖަކު ލިޔެފައިވާ ލިޔުން ކޮޅެކެވެ. ފޭސްބުކްގެ ސަފްޙާތައް އުކަމުން ދަނިކޮށް މިކަން މިގޮތަށް ލިޔުމުގެ ޝައުޤު އުފެދުނީ ދެން ފެނުނު ސްޓެޓަސް އަކާ ގުޅިގެނެވެ. އަބަދު ލޯބިން އުޅޭ ދެމަފިރިންކަން އަންގައިދިނުމަށް އެކަހަލަ ލިޔުމެއް ލިޔެފައިވާ ފޮޓޯއެއް ހިއްސާކޮށްފައި އޮއްވައި ފެނުމުންނެވެ. ހިތަށް އެރިއެވެ. ނޫނޭވާ މިއީ މަޖާ ކަމެކެވެ. އެ ދެމީހުން ޒުވާބު ނުކުރާ އިރެއް ނުދެކެމެވެ. އަރައިރުންވާ ކަމެއްނޫނީ ގޭތެރެއަކު ނުހިނގައެވެ. އެކަމަކު މީސްމީޑިއާގައި ނިކަން ދެކެބަލާށެވެ. ދެމީހުން ކުރެ ކޮންމެ މީހެއްގެ ފޭސްބުކް ރައްޓެހިންގެ ގޮތުގައި ހާހުން މަތި އުޅޭއިރު އެ މީހުންގެ ކުރިމަތީގައި އެއީ ލައިލާ މަޖުނޫނެވެ.
މިއީ މިއަދު ދިވެހި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޙާލަތެވެ. ނިކަން ލޯބިން އުޅޭ ދެމަފިރިންކަމަށް މީސްމީޑިއާގައި ދައްކާނެއެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ބައެއްކަމަށް ދައްކާނެއެވެ. ނަމަވެސް ހަގީގަތުގައި އެފަދަ މީހުން އެ ދައްކަނީ ދަޅައެކެވެ. އެހެން މީހުންގެ ލޮލުގައި އަަޅުވަނީ އަނދުނެކެވެ. އެއީ ދެއްކުންތެރިކަމުގެ މިސާލެކެވެ.
މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ މީހުންގެ ޙާލަތެވެ. މިހެން މިކަން ވުމުގެ ސަބަބުތަކެއްވެސް އެބަ ހުއްޓެވެ. ބައެއް މީހުން މިގޮތަށް މިކަން ކުރަނީ ކުރީގެ ލޯބިވެރިޔާ ނުވަތަ ކުރީގެ ބައިވެރިޔާއަށް ދެއްކުމުގެ ގޮތުންނެވެ. އުޅެނީ އުފާވެރި ދިރިއުޅުމެއްކަމަށް އެމީހުންނަށް އަންގައިދިނުމުގެ ގޮތުންނެވެ.
އަނެއް ސަބަބަކީ އެހެން މީހުންގެ ސަމާލުކަން ހޯދުމަށެވެ. ބައެއް ފަހަރު އެހެން ބައިވެރިއެއް ނުވަތަ ލޯބިވެރިއެއް ހޯދުމުގެ ސަބަބަކަށް މިކަން ވެއެވެ. މީސްމީޑިއާގައި ހިއްސާ ކުރާ ހުރިހާ އެއްޗަކީ ތެދުކަމަށް ހަދައި އެފަދަ މަޅީގައި މީހުންޖެހި ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވެސް އެބަ ހުއްޓެވެ.
ކޮންމެ ބީދައަކުން މިކަން ކުރި ނަމަވެސް އެ ހެދެނީ ގޯހެކެވެ. އަމިއްލަ ދިރިއުޅުމުގެ އުފާވެރިކަން ނުވަތަ ކަންކަން އެގޮތަށް ހިއްސާ ނުކުރާށެވެ. އެ ދިރިއުޅުމަކަށް 'ފަނިލާން' ކިތައް މީހުން ތިބޭނެ ހެއްޔެވެ؟ ހަސަދައިގެ ކިތައް ލޯ ވާނެ ހެއްޔެވެ؟ ވިސްނަވާށެވެ. މީސް މީޑިއާއަކީ ތިމާގެ އަމިއްލަ ދިރިއުޅުމަށް ނަހަދާށެވެ. މީސް މީޑިއާގެ އަޅަކަށްވެ ހަލާކުނުވާށެވެ.