ލ.ގަން ތުނޑީ އަވަށުގައި ހުންނަ ގެއެއްް ކަމަށްވާ ދުންފުނިއުފާ ގޭގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ނޫޅެވޭ ވަރަށް އެނދުމާއި ގުޅިގެން، އެގޭގައި އުޅެމުންދިޔަ ދެ އާއިލާ އަށް ޑިޒާސްޓަރ މެނޭޖެމެންޓު ސެންޓަރުން އަދި ފުލުހުން އެހީ ވެއްޖެއެވެ.
ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ އެގޭގައި އުޅެމުންދިޔަ ދެ އާއިލާ އަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދަދީފައެވެ. ފުލުހުން ވެސް ދަނީ އަލިފާން ރޯވި ގެއިން އަލިފާނުގެ އަސަރު ނުކުރާ ހަލާކުނުވެ ހުރި ސާމާނުތައް އެ އާއިލާތަކުން އުޅުމަށް ހަމަޖެފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، އެގޭގައި އަލިފާނުގެ ހާދިސާ ހިނގި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށާއި ފުލުހުންގެ ފަރާތުން މިހާރު ދަނީ، ހާލުގައި ޖެހުނު ދެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ލ.ގަން ދުންފުނިއުފާ ގޭގައި، އަލިފާނުގެ ހާދިސާ ހިނގީ ކަރެންޓް ޝޯޓެއް ވެގެން މިއަދު 12:38 ހާއިރެވެ. އެރަށު ރައްޔިތުން އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މެންދުރުފަހު 13:50 ހާއިރުވަނީ އަލިފާން ގަނޑު ނިއްވާލާފައެވެ. ދުންފުނިއުފާ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެެއް ލިބިފައި ނުވެއެވެ.