ސެމްސަންގް ގެލެކްސީ އެސް 10 ގެ ފޯނުތަކާއި ގެލެކްސީ ފޯލްޑް ފޯނު ދުނިޔެއަށް ދައްކާލައިފިއެވެ. ގެލެކްސީ އެސް 10 ގެ 4 ފޯނެއް މިފަހަރު ނުކުންނާނެއެވެ. އެއީ ގެލެކްސީ އެސް 10، ގެލެކްސީ އެސް 10 ޕްލަސް، ގެލެކްސީ އެސް 10 އީ، އަދި ގެލެކްސީ އެސް 10 5ޖީ އެވެ. 

ގެލެކްސީ އެސް 10 އަކީ 6.1 އިންޗް ކާވްޑް އެމޯލެޑް ސްކްރީނަކާއި ފަހަތުގައި 3 ކެމެރާ އަދި ކުރިމަތީގައި 10 މެގަޕިކްސެލްގެ ސެލްފީ ކެމެރާ އަކާއި 8 ޖީބީ ރޭމް އަދި 512 ޖީބީ ސްޓޯރޭޖް ހުރި ފޯނެކެވެ. ގެލެކްސީ އެސް 10 ގެ އަގަކީ 899 ޑޮލަރެވެ.

ގެލެކްސީ އެސް 10 ޕްލަސް ގައި 6.4 އިންޗް އެމޯލެޑް ޑިސްޕްލޭ އަކާއި 4،100 މިލިއެމްޕިއަރ ބެޓެރީ، 12 ޖީބީ ރޭމް، ކުރިމަތީގައި 2 ކެމެރާ އަދި ފަހަތުގައި 3 ކެމެރާ ހުރެއެވެ. މި ފޯނު 1 ޓެރަބައިޓް ސްޓޯރޭޖާއެއްކޮށް ވެސް ލިބޭނެއެވެ. މި ފޯނުގެ އަގު ފެށެނީ 999 ޑޮލަރުންނެވެ.

ގެލެކްސީ އެސް އީ އަކީ އެސް 10 ގެ އެންމެ އަގުހެޔޮ ފޯނެވެ. މި ފޯނުގައި 6 ޖީބީ ނުވަތަ 8 ޖީބީ ރޭމް އަދި 256 ޖީބީ ސްޓޯރޭޖް ހުންނާނެއެވެ. މިފޯނުގެ އަގު ފެށެނީ 749 ޑޮލަރުންނެވެ.

ސެމްސަންގް ގެލެކްސީ އެސް 10 5ޖީ ގައި 4،500 މިލިއެމްޕިއަރ ބެޓެރީ އަކާއި 6.7 އިންޗް އެމޯލެޑް ޑިސްޕްލޭ އަކާއި 3ޑީ ޑެޕްތް ސެންސިންގް ކެމެރާ އެއް ހިމެނެއެވެ. މީގެ އިތުރުން 8 ޖީބީ ރޭމް އަދި 256 ޖީބީ ސްޓޯރޭޖް އާއި މައިކްރޯއެސްޑީ ކާޑް ސްލޮޓެއް ހިމެނެއެވެ. މިފޯނު ނުކުންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ ތަންކޮޅެއް ފަހަތުކޮޅުގައި ކަމަށް ބެލެއެވެ.

މަތީގައިވާ ފޯނުތަކުގެ ތެރެއިން ގެލެކްސީ އެސް 10 އީ ފިޔަވާ އެހެން ފޯނުތަކު ސްކްރީންގެ ދަށުގައި އިންޑިސްޕްލޭ ފިންގަރޕްރިންޓް ސެންސަރ އެއް ހުރެއެވެ. މިއީ މުޅިން އަލަށް ދުނިޔެއަށް ތައާރަފް ކުރި އަލްޓްރާސައުންޑް ސެންސަރ އެކެވެ. ކުރިން އިންޑިސްޕްލޭ ފިންގަރޕްރިންޓް ސެންސަރ ބޭނުންކުރި އެހެން ފޯނުތަކަށްވުރެ މި ޓެކްނޮލޮޖީ މާ ހަލުއިވެފައި މޮޅެވެ.

ސެމްސަންގް ގެލެކްސީ ފޯލްޑް އަކީ މިއަހަރު ސެމްސަންގް އިން ދައްކާލި އެންމެ އާދަޔާޚިލާފް މޮޅު ފޯނެއެވެ. މިފޯނަކީ ހުޅުވާ ލައްޕާލެވޭ ފޯނެކެވެ. ފޯނު ހުޅުވާލުމުން އެތެރޭގައި އިންނަނީ 7.3 އިންޗް ޓެބްލެޓެއް ވަރުގެ ބޮޑު ޑިސްޕްލޭއެކެވެ. ބޭރުގައި ހުންނަނީ 4.6 އިންޗް އެއް އަތުން ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިސްޕްލޭއެކެވެ. މި ފޯނުގައި 4،380 މިލިއެމްޕިއަރ ބެޓެރީ އަކާއި ބޭނުން ނަމަ 5ޖީ ސަޕޯޓާއެކު ވެސް ގަނެވޭނެއެވެ. މިފޯނުގެ އަގު ފެށެނީ 1،980 ޑޮލަރުންނެވެ. މި ފޯނުގައި 6 ކެމެރާ ހުރެއެވެ. އެއީ ފަހަތުގައި 3 އަދި ކުރިމަތީގައި 3 ކެމެރާއެވެ. މި ފޯނުގައިވެސް 12 ގިގަބައިޓް ރޭމް ހުރެއެވެ. އަދި ފޯނު ލައްޕާފައި އޮންނަ އިރު ބޭރުގެ ސްކްރީނުން ކުރަމުންދާ ކަމެއް ފޯނު ހުޅުވާލުމުން ވަގުތުން އެތެރޭގެ ސްކްރީނުން ބޮޑުކޮށް ދައްކާލައެވެ. އަދި 3 އެޕުން އެއްފަހަރާ މަލްޓިޓާސްކް ކުރެވޭނެއެވެ.

މަތީގައި ދެންނެވުނު ހުރިހާ ފޯނެއްގައިވެސް ނޮޗް (މިހާރުގެ ފޯނުތަކުގެ ސްކްރީނުން ތަންކޮޅެއްގައި ހުންނަ ކެމެރާ ހުންނަ ކަޅު ބައި) ގެ ބަދަލުގައި ސެމްސަންގް އިން ބޭނުންކޮށްފައިވަނީ ޑިސްޕްލޭއިން ލޯވަޅެއް ކަނޑާފައި ކެމެރާ ފެންނަނީ އެ ލޯވަޅުގެ ތެރެއިންނެވެ. މިވައްތަރު ޑިސްޕްލޭ އަށް ސެމްސަންގް އިން ދީފައިވާ ނަމަކީ އިންފިނިޓީ އޯ ޑިސްޕްލޭއެވެ.

މަތީގައިވާ ހުރިހާ ފޯނެއްގައިވެސް 3.5 މިލިމީޓަރ ހެޑްފޯން ޖެކް ހުރެއެވެ. އެހެން ކަމުން އަމިއްލަ ހެޑްފޯން ބޭނުންކޮށްލަން ފަސޭހަވާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ފޯނު ކުންފުނި ތަކުން އެއްމެ ކުރިއަރަން ކުރާ ހަނގުރާމައިގައި މިއަހަރު ސެމްސަންގް އިން ނެރުނު ފޯނުތައް މޮޅުވެފައި ފީޗާރ ތައް ގިނައެވެ. މީގެ އިތުރުން މި އެނައުންސްމެންޓްގައި ގެލެކްސީ ވޮޗް އެކްޓިވް، ސެމްސަން ގަލެކްސީ ފިޓް އަދި ފިޓް އީ، ސެމްސަން ގެލެކްސީ ބަޑްސް ވެސް ދައްކާލިއެވެ. ގެލެކްސީ ބަޑްސް އަކީ އެޕްލް އެއަރޕޮޑްސް ގޮތަށް ކޮންމެ ކަންފަތަކަށް ވަކިން ބޭނުންކުރެވޭ ހެޑްފޯނެކެވެ. ގެލެކްސީގެ މަތީގައި ދެންނެވުނު ގެލެކްސީ އެސް 10 އީ ފިޔަވާ އެހެން ފޯނުތަކުގެ މަތީގައި ބޭއްވުމުން ގެލެކްސީ ބަޑްސް ޗާޖު ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *