ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅު މައްސަލައިގައި ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމްތައް ގޯސް ކަމަށް ދައުލަތުން މިއަދު ސުޕްރީމު ކޯޓުގައި އެއްބަސްވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މިކަމަށް އެއްބަސްވެފައި ވާކަން އަދީބުގެ ގާނޫނީ ވަކީލު އިސްމާއީލް މުހައްމަދު ވަނީ ކަށަވަރުކޮށްދީފައެވެ.

މޭޑޭ މުޒާހަރާ އޮތް ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މިމައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާ އެކެވެ. އެދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ނިންމައި އަދީބު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިއެވެ.

ދައުވާ ހުށަހެޅުމަށް އަދީބަށް ފުރުސަތު ދިނުމުން އަދީބުގެ ވަކީލު އިސްމާއީލް މުހައްމަދު ވަނީ އަދީބުގެ ބެލުމުގެ ދަށުން ފިސްތޯލައެއް ވެސް އަދި ވަޒަނެއް ވެސް ފެނިފައި ނުވާ ކަމަށާއި، ދައުވާކޮށް، ހުކުމް އިއްވާފައިވަނީ ދެ މީހަކު ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުށަހެޅުއްވި ނުކުތާތަކުގައި އެ މައްސަލަ އަދީބުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި އަދީބުގެ އަތުން ފިސްތޯލައެއް ފެންނަކަން ބުނުން ފިޔަވައި، ދައުލަތުގެ ތަހުގީގީ އެއްވެސް އިދާރާއަކުން ކޮށްފައިވާ ތަހުގީގަކުން ނުވަތަ ފޮރެންސިކް ރިޕޯޓަކުން ވިޔަސް އަދި ހަބީރެއްގެ ބަހުން ނަމަވެސް އަދީބުގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ބުނެފައި ނުވާ ކަމަށެވެ.

އެ ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލަ ތަހުގީގީ އެއްވެސް އިދާރާއަކަށް ފެނިފައި ނުވާއިިރު، އެ މައްސަލައިގައި ހަމައެކަނި އޮތީ ފިސްތޯލަ ގެންގުޅެނިކޮށް ފެނުނު ކަމަށް ބުނާ ހެކިންތަކެއްގެ ހެކިބަސް ކަމަށެވެ. އެކަމަކު އެ މީހުންގެ ހެކިބަހަށް ބަލާއިރު، އެ ފިިސްތޯލައަކީ އަސްލު އެއްޗެއްކަން ދެނެގަތުމުގެ ގާބިލްކަން އެ މީހުންގެ ކިބައިގައި ނެތް ކަމަށް ރާބިއު ވިދާޅުވި އެވެ.

އަދީބުގެ ވަކީލު ވަނީ ދައުލަތުގެ އެ އިއުތިރާފާއެކު، މިއަދުވެސް އެ ހުކުމް ބާތިލް ކުރުމަށް އެދި ވަޑައިގެންފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ކަން އިއުލާން ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.