މިސްކިތެއްގެ ދެވަނަ ބުރިން ވެއްޓި، ސީރިއަސް ޒަހަމުތަކެއް ލިބިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔަރޭގެ ވަގުތެއްގައި ނިޔާވި އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒްމީގެ ނިޔާވުމުން އެކަމުގެ ހިތާމައިގަ އެސްޓީއޯގެ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެއްޖެއެވެ.
އަޒްމީގެ މަރުގެ ހިތާމައިގަ ބައިވެރިވުމުގެ ގޮތުން މިއަދު ހުރިހާ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުތުމަށް ވަނީ އެ ކުންފުނީގެ މެނޭޖްމަންޓުން އެދިފައެވެ.
އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒްމީ ވެއްްޓީފައިވަނީ ރޯދަ މަހަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ (ފައި ފޮހޭ މިސްކިތް) ދެވަނަ ބުރިން މިދިޔަ ހަފްތާ ހޮނިހިރު ދުވަހުއެވެ. އިމާރާތުން ވެއްޓުމުން މުސްތަފާ އަޒްމީގެ ބޮލަށާއި އެތެރެހައްޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަޒްމީ، ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިންދައިގެންގޮސް ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާވެފައި ވެއެވެ. އަދި އޭނާގެ ސިކުނޑިއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
އުމުރުން 41 އަހަރުގައި އަޒްމީ ނިޔާވެފައިވާ އިރު އޭނާ އަކީ ވަރަށް މޮޅަށް އަތްތެރި މަސައްކަތްތައް ވެސް ކުރެއްވި ބޭފުޅެކެވެ. އަޒްމީ ވަނީ އިތުރު ފަރުވާ އަށް ބެންގްލޫރަށް ވެސް އޭނާގެ އާއިލާގެ އެދުމުގެ މަތިން ގެންގޮސްފައެވެ. ނަމަވެސް އަޒްމީއަށް ދޭނެ އިތުރު ފަރުވާ އެއް ނެތް ކަމަށް ބުނެ ބެންގަލޫރުން ވަނީ އަޒްމީ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ. އަޒްމީ ނިޔާވެފައިވަނީ ބެންގަލޫރުން ރާއްޖެ ގެނައުމުގެ ތެރޭގައެވެ.