ލ.ގަން ތުނޑި އަވަށުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގަމުގައި އަލިފާން ރޯވެފައިވަނީ ދުންފިނިއުފާ ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެމްއެންޑީއެފަށް އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަރާތުން އިތުރަށް ވިދާޅުވީ، އެގޭގައި ރޯވެފައި ހުރި އަލިފާން ގަނޑު ކޮންޓްރޯލު ކުރެވުނީ 13:50 ހާއިރު ކަމަށެވެ. އެގޭގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ އެމްއެންޑީއެފާއި އަދި އެރަށު ރައްޔިތުން ގުޅިގެންނެވެ.

ދުންފިނިއުފާ ގޭގައި ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލާފައި ވާއިރު، އެގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ލ.ގަމު ކައުންސިލްގެ ރައީސް ޝިޔާމު ވިދާޅުވީ، އަލިފާން ރޯވެފައިވަނީ، ތުނޑީ އަވަށުގައި ހުންނަ ދުންފިނިއުފާ ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވާ ކަރެންޓް ޝޯޓެއް ވެގެން ކަމަށެވެ. އަލިފާން ރޯވިކަން ކައުންސިލަށް އަދި ރައްޔިތުންނަށް އެނގުނީ ބޮޑަށް ރޯވި ފަހުން ކަމަށާއި، ސަބަބަކީ ރޯވި ވަގުތު އެގޭގައި އެއްވެސް މީހަކު ނެތުމުން ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އެ ގެއަކީ ޖުމްލަ 11 މީހުން އުޅެމުންދާ ގެއެއް ކަމަށާއި، އަދި އެ ގެއަކީ ދެ އާއިލާ އަކަށް އުޅެވޭނެ ހެން ދެ ބުރިއަށް ނަގާފައިވާ ގެއެއް ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނު އިރު އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށާއި އަދި، އަލިފާނުގެ އަަސަރު ނުކޮށް ހުރި ބައެއް ސާމާނުތައް ވަނީ ރައްޔިތުންގެ ވެގެން އެގެއިން ބޭރުކޮށްފައި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝީޔާމު ވިދާޅުވީ، އެ އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ ދެ އާއިލާއަށް ވެސް މިހާރު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ ވަގުތީ ބޯހިޔާވަހިކަމެއް ހޯދަ ދީފައި ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *