ހާލުގައި ޖެހިފައިވާ މީހުން ދުނިޔޭގައި ވަރަށް ގިނައެވެ. ފަލަސްތީނުގައި ތިބި މުސްލިމުންނެވެ. އެފްރިކާގައި ތިިބި ފަގީރުންނެވެ. ސްރީ ލަންކާގެ ރައްޔިތުންނެވެ. މިފަދަ އެންމެހައި އިންސާނުންނަކީ އެއްގޮތަކުން ނޫނީ އަނެއް ގޮތުން ބިކަ ހާލުގައި ޖެހިފައިވާ މީހުންނެވެ. އެފަދަ މީހުންނަށް އެހީތެރި ވެވޭނެ ދެގޮތެއް ވެއެވެ. އެއީ އަމަލީ ގޮތުން އެހީތެރިވުމެވެ. މީގެ ތެރެއިން އެފްރިކާގެ ހާލުގައި ޖެހިފައިވާ ފަގީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިސާލެކެވެ. އަނެއް ގޮތަކީ ދުޢާއެވެ.

ދުޢާއަކީ ބަޔަކަށް ކުރިމަތިވެފައިވާ މުސީބާތެއް ނުވަތަ ދަތި އުނދަގުލަކުން އެބަޔަކު މިންޖުކުރެއްވުމަށް ﷲގެ ހަސްރަތުގައި ދެންނެވުމެވެ. ނަމަވެސް ފަހުން ފަހަކަށް އައިސް ގިނަ މީހުންނަށް ވަނީ ދުޢާގެ މާނަވެސް، މީހުންނަށް އެހީތެރިވުމުގެ މާނަވެސް އޮޅިފައެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ހިތާމަ ހުއްޓަސް ހަގީގަތަކީ މިއީއެވެ.

މީގެ އެންމެ ބޮޑު އެއް މިސާލަކީ ބަޔަކަށް ލިބޭ ހިތާމައާއި މީސްމީޑިއާގައި އެ ބަޔަކާއި ގުޅޭ ޕްރޮފައިލް ޕިކްޗަރ އަޕްލޯޑުކުރުމެވެ. މި ކަންތައް އަސްލު ފެށިގެން އައީ ބަޔަކަށް ލިބޭ ހިތާމައިގައި ބައިވެރިވާކަން އެންމެންނަށް އަންގައި އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި މީހުން ދުޢާ ކުރުމަށް ފެށިގެން އައި ކަމެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ފެނިގެންދާ މަންޒަރަކީ އެންމެންވެސް ހިތާމައެއް ލިބޭއިރަށް އެކަމާއި ގުޅިގެން ޕްރޮފައިލް ޕޮޓޯ ބަދަލުކުރާ ތަނެވެ. ބައެއް މީހުން އަދިވެސް މި ކަންތައް ކުރަނީ ބައެއްގެ ހިތާމައިގައި ބައިވެރިވާކަން ދައްކާލުމަށް ކަމަށް ވާއިރު އަނެއްބައި މީހުން މިފަދައިން ކަންތައް ކުރަނީ އެންމެންވެސް ކުރާތީ މުޖުތަމަޢުގެ ތެރެއަށް ފެތުމަށްޓަކައެވެ.

މިގޮތަށް ކަންތައް ކުރުމުގައި މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ދުޢާތައް ކުރުމުގެ ބަދަލުގައި މިކަންތައް ކުރުމެވެ. ބައެއް މީހުންނަކީ ދުޢާ ނުކޮށް މިފަދައިން ކަންތައް ކުރާ މީހުންނެވެ. ﷲއަކީ މުސީބާތްތަކުގައި އިންސާނުންގެ ދުޢާތައް ގިނަގިނައިން އިޖާބަކުރައްވާ ރަސްކަލާނގެއެވެ. މާތްﷲ އަށް ދުޢާ ކުރުމުގެ ބަދަލުގައި ދުޢާކުރަނީވެސް ފޭސްބުކްގައެވެ. މާތްﷲ އަކީ ސިއްރުގައިވާހައި ކަމަކާއި ފާޅުގައިވާ ހުރިހާ ކަމެއް މޮޅަށް އައްސަވާ ވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. ދުޢާ އެއްސެވުމުގައި އެކަލާނގެއަށް އިތުރު މެދުވެރިއަކު ބޭނުންވެ ވޮޑިގެންނުވާނެ ކަން ކަށަވަރެވެ.

ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ހާލުގައި ޖެހިފައިވާ މީހަކަށް ހެޔޮހިތުން ހެޔޮ އެދޭކަމަށް ވަނީނަމަ ގިނަގިނައިން އެމީހަކަށް ރަނގަޅުގޮތް މެދުވެރި ކުރެއްވުމަށާއި ކެތްތެރިކަން ދެއްވުމަށް ދުޢާކުރާށެވެ. ޕްރޮފައިލް ޕިކްޗަރ އަޕްލޯޑުކޮށްގެން ވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *