އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިހާން ތަކުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެއީ އިމްތިހާން ހަދާ މައްދާއަކަށް ހަދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. 

ކ. ހިންމަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ތައުލީމީ ދާއިރާގެ އާ ކަރިކިއުލަމް ތަންފީޒް ކުރާއިރު މިއަހަރު ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިން އަންނަ އަހަރު ގްރޭޑް ދިހައެއްގައި އެކުދިންގެ ފައިނަލް އިމްތިހާނު ހަދާއިރު ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އިމްތިހާން ހަދާނެ ކަމަށެވެ.

އެ ގޮތުން އިމްތިހާން ކުރެވޭނީ މާކްސް ދެބަޔަކަށް ބަހާލައިގެން ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސްކޫލްގައި ނެގޭ އިންޓާނަލް އެސެސްމަންޓްތަކުން 60 އިންސައްތަ އަދި ބާކީ 40 އިންސައްތައަކީ ޕަބްލިކް އެގްޒެމިނޭޝަން ނުވަތަ ޕްރޮޖެކްޓް އެސައިންމަންޓުން ނެގޭ 40 އިންސައްތަ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އެގޮތަށް އަމަލުކުރަން ފެށުމުން ކުދިން ޤުރުއާނަށް ހުންނަ ލޯބި އިތުރުވެގެންދާނެ ކަމަށެވެ.

އެހެންކަމުން ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް ޤުރުއާނުގެ އިލްމު އުނގެނޭ ދަރިވަރުންނަށް ވުމަށް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އަދި ޤުރުއާން ކިޔަވާއިރު އެއީ ދެއްކުންތެރިކަމުގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުގައި ﷲއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ޤުރުއާން ކިޔެވުމަށްވެސް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ރާއްޖޭގައި މިހާރު އެސްއެސްސީ އިމްތިހާން ހަދަމުން އަންނަނީ ހަމަ އެކަނި ދިވެހި އަދި އިސްލާމް މާއްދާއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *