ނިމި ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ލިބޭ މުއްދަތު ރޭ 12:00އަށް ހަމަވީއިރު 39 ކެންޑިޑޭޓަކު އެ ބަޔާން ހުށަނާޅާކަމަށް އިލެކްޝަންސް ކޮމިޝަަންސުން ހާމަކޮށްފިއެވެ.
އީސީގެ އޮފިޝަލަކު ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުއްދު ހަމަވި އިރު މާލީ ބަޔާން ފުރިހަމަކޮށް ހުށަަހަޅާފައި ވަނީ އިންތިހާބުގައި ވާދަ ކުރެއްވި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު ކަމަށެވެ. އަދި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅުއެޅުމާ މެދު އިލެކްޝަނުން ގޮތެއް ނިންމާނެކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.
އިންިހާބުގެ މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތަފްސީލް
- ޕީޕީއެމް 2
- އަމިއްލަ ގޮތުން 31
- ޕީއެންސީ 1
- އަދާލަތު 1
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް 2
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ 2
އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހޭނެއެވެ. އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.