އެންޒައިޓީއަކީ ވަރަށް ނުރައްކާތެރި ނަމަވެސް އެއަށް އެހާބޮޑު ސަމާލުކަމެއް ނުދެވޭ ސީރިއަސް ސިއްހީ ހާލަތެކެވެ. އެންމެ ބޮޑު ހިތާމައަކީ ގިނަ މީހުންނަށް އެންޒައިޓީ ހުންނަ މީހުންގެ ހާލަތު ދެނެނުގަނެވި އެމީހުންނަކީ ލޮޑު ނުވަތަ ކަންނެތް މީހުންކަމަށް ބަލައި އެމީހުން ބާކީ ކޮށްލާ ކަމެވެ. 

ތިބާއަކީ އެންޒައިޓީގެ ޝިކާރައަށް ވެފައިވާ ފަރާތަކަށް ނުވާނަމަވެސް މި ލިޔުން ކިޔުމަށްފަހު އެންޒައިޓީ، މި މައްސަލަ ބޮޑަށް ދެނެގަނެވޭނެއެވެ. އަދި ތިބާއަކީ އެންޒައިޓީ ހުންނަ ފަރާތެއްނަމަ މި ލިޔުން ކިޔުމަށްފަހު އަންނަނިވި ކަންތައްތަކަށް ވަރަށް ބޮޑަށް އެއްބަސް ވެވިގެންދާނެއެވެ.

އެންޒައިޓީ ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ބައެއް ކަންކަން

ދާން ބޭނުން ވިނަމަވެސް މީހުންގެ ދައުވަތުތައް ގަބޫލުނުކުރުން

އެންޒައިޓީ ހުންނަ މީހަކު ނަމަ ގިނަ މީހުން އެއްވުމަށް ރާވާ ވަގުތުގައި އެކަމަށް އެއްބަސް ވިނަމަވެސް އެ ދުވަސް ޖެހުމުން ދައުވަތު ގަބޫލުކުރަން ފަސްޖެހެވި، ގޭގައި މަޑުކުރަން ނުވަތަ އެހެން މީހުންގެ ކުރި މައްޗަށް ދިޔުމަށް ބޭނުންނުވާ ގޮތް ވެއެވެ. ބައެއް ފަހަރު ބޭރަށް ދިޔުމަށްޓަކައި ބޭނުންވާ ހަކަތަ ގައިގައި ނެތްހެންވެސް ހީވާނެއެވެ.

އަދި މިފަދައިން ކަންތައް ވާކަން ޚުދު ތިމާއަށް ރަނގަޅަށް އެނގުމުގެ ސަބަބުން އެހެން މީހުންގެ ކޮނޑުގައި އެޅޭ ބުރައަކަށް ވާން ނޭދުމުގެ ސަބަބުން ތަންތަނަށް ނުދާން ނިންމަނީއެވެ.

ކުރިން ވެފައި ހުރި ކުދިކުދި ކަންތައްތަކާއި މާ ބޮޑަށް ވިސްްނައި ފިކުރުކުރުން

މީހެއްގެ ކައިރީގައި ވިސްނައި ނުލައި ބުނެވިފައިވާ ކޮންމެވެސް އެއްޗެއްގެ މަތިން ހަނދުމަކޮށް އެކަމާއި ލަދުގަނެ ނުވަތަ ނުތަނަސްވެ ގިނަގިނައިން އެކަމާއި ވިސްނައި ފިކުުރު ކުރުމަކީ އެންޒައިޓީ ހުންނަ މީހެއްގެ ނަމަ އެމީހެއްގެ ފަރާތުން ފެނިގެންދާނެ އެންމެ ބޮޑު އެއް އަލާމާތެވެ.

މިގޮތުން ކަންކަމާއި މެދު 'އޯވާ ތިންކް' މާ ބޮޑަށް އަދި ދުުރަށް ވިސްނައި ކުދި ކަންތައްތައްވެސް މާ ބޮޑު ކޮށްލައިގެން އެކަމާ ހާސްވުމަކީވެސް އެންޒައިޓީގެ އަލާމާތެކެވެ.

ރޭގަނޑު ލަސްވަންދެން ނުނިދުމާއި ހެނދުނު އަވަހަށް ހޭލެވުން

އެންޒައިޓީ ހުންނަ މީހަކަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ނިދަން ދަތިވުން ނުވަތަ ނިދުމުގެ ތާވަލްގައި އެއްވެސް ހަމައެއް ލަމައެއް ނެތި މައްސަލަތައް ދިމާވުމެވެ. އެ ގޮތުން ދުވާލުދާ ހަތަރުދަމު ވެފައި ހުރި ކަންތައްތައް ސިކުނޑިތެރޭގައި އެނބުރުމުގެ ސަބަބުން އެކަންކަމާއި ވިސްނަން ރޭގަނޑު ލަސްވަންދެން ނުނިދައި ހުރެވެއެވެ.

އަދި ހެނދުނުގެ ވަގުތު ޖެހުމުން ކިތަންމެ ލޮޑުވެފައި ހުރި ނަމަވެސް އަލުން ކަންތައްތަކާއި ވިސްނައި ފިކުރުކުރުމަށް މިހާއަށް އެންޒައިޓީގެ ސަބަބުން މަޖުބޫރު ކުރުވައެވެ. އަދި މިފަދައިން ވިސްނުން ހުއްޓުވުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭ ގޮތް ވެއެވެ.

ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ނުބައި ނަތީޖާ އަންދާޒާކުރުން

މިގޮތުން ކިތަންމެ ކުޑަ ކަމެއް ދިމާވި ނަމަވެސް އެކަންތައް އެންމެ ގޯސްވެ އެކަމުން ނިކުންނަން އޮތް އެންމެ ނުބައި ނުވަތަ ނުރަނގަޅު ނަތީޖާއަކަށް ވިސްނައި ފިކުރުކޮށް ހާސްވާ ގޮތް މީހުންނަށް ދިމާވެއެވެ. އަދި އެކަމުގެ ސަބަބުންް އަބަދު މަޔޫސްވެ ނުވަތަ ހާސްކަމާއި ނުތަނަވަސް ކަމެއްގެ ތެރޭގައި މީހާއަށް ހުރެވޭ ގޮތް ވެއެވެ.

ކުރިން ކުރެވިފައިވާ ކުށްތަކާއި ދޭތެރޭ މާބޮޑަށް ވިސްނައިފިކުރު ކުރުން

ސިކުނޑިތެރޭގައި މީހާއަށް ކުރެވިފައިވާ ކުށްތައް އަބަދުވެސް ސިފަކުރުވަމުން ގެންދިޔުމަކީ އެންޒައިޓީގެ ބޮޑު އަލާމާތެކެވެ. އަބަދުވެސް ތިމާގެ އަމިއްލަ ނަފްސު ކަންކަމަށް ކުށްވެރިކޮށް ޚުދު ތިމާއާ ދިމާލުން ބަދު ބަސް ސިކުނޑީގެ ތެރޭގައި ބުނެއެވެ. އަބަދުވެސް ތިމާގެ ކަންކަން ކުށްވެރިކޮށް، ތިމާ މިއީ ދެރަ މީހެއްގެ ގޮތުގައި އަބަދުވެސް ސިފަކުރެވުމުން ދެއެވެ.

އެހެން މީހުންނާއި ތިމާގެ ކަންކަން އަޅައި ކިޔުން

ތިމާގެ އުމުރުގެ މީހުން ނުވަތަ ތިމާއާ އެއް ފެންވަރުގެ ވަޒީފާ އަދާ ކުރާ މީހުންގެ އާންމު ދިރިއުޅުމުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި ތިމާ އަށް ހާސިލްކުރެވިފައިވާ ކަންކަން އަޅައިކިޔައި މިން ކުރުމަކީ އެންޒައިޓީގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ފަރާތުން ފެނިގެންދާނެ އެންމެ ވަރުގަދަ އެއް އަލާމާތެވެ. ތިމާ މިއީ ނާކާމިޔާބު މީހެއްގެ ގޮތުގައި ދެކި އެކަމާއި ވިސްނައި ފިކުރުކޮށް މާޔޫސް ވުމަކީވެސް އޭގެ ތެރޭގައި ހިމެނޭ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *