އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެކެވެ. އެދީނުގައިވަނީ އިންސާނުން އުޅެންވީ އެންމެ މަތިވެރި ގޮތް ބަޔާންކޮށްދެއްވާފައެވެ.
އިސްލާމްދީނަކީ ތެދުވެރިކަމަކަށް ލޯބިކުރާ ދީނެކެވެ. އަދި އެދީނުގައި މަކަރާއި ހީލަތް ހެދުން ނަހީކުރެއްވިއެވެ.މާތްﷲ އެންމެ ލޯބިވެވޮޑިގެންވާ ސިފަތަކުގެ ތެރޭގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހިމެނެއެވެ.
ތެދުވެރިކަމަކީ މަކާރިމުލް އަޚްލާޤުގެ ސިފަތަކުގެތެރެއިން އެންމެ މަތިވެރި އެއް ސިފައެވެ. ﷲ ތަބާރަކަ ވަތަޢަލާ ވަނީ އެކަލާނގެ ޒާތުފުޅަށް އެ ސިފަ ލާޒިމްކުރައްވާފައެވެ.
"وَمَنْ أَصْدَقُ مِنَ اللّهِ قِيلاً" (النساء 122)
މާނައީ: "ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟"
ތެދުވެރިކަމަކީ ނަބީބޭކަލުންގެ ސިފަފުޅެކެވެ. މުޙައްމަދު صلى الله عليه وسلم ތެދުވެރިކަމުގެ ސިފައިން ސިފަކުރައްވާފައިވެއެވެ.
"وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمْ الْمُتَّقُونَ" (الزمر 33)
މާނައި: "ތެދާއިގެން އަންނަމީހާއާއި އަދި އެތެދު ޤަބޫލުކުރާމީހާ (ދަންނާށެވެ!) އެއުރެންނީ، ހަމަ ތަޤްވާވެރިންނެވެ."
މަކަރާއި ހީލަތް ހެދުމަކީ ހަމަ އެކަނި މުދަލާއި ފައިސާއިން މަކަރާއި ހީލަތް ހެދުމެއް ނޫނެވެ. އިމްތިހާނުގައި މަކަރު ހެދުމަކީވެސް މަކަރާއި ހީލަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިމްތިޙާނުގައި މަކަރުހެދުމަކީ ޙަރާމްކަމެކެވެ. އެއީ މުޢާމަލާތުތަކުގައި މަކަރުހެދުން ޙަރާމްކުރެވިފައިވާ ފަދައިންނެވެ. އެއްވެސް މާއްދާއެއްގެ އިމްތިޙާނުގައި މަކަރުހަދައިގެން ނުވާނެއެވެ. އަދި އެކަމަށް ކިޔަވާދޭ އުސްތާޛު ރުހިއްޖެނަމަ، އޭނާއަކީވެސް އެފާފައިގައި އަދި އެ ޚިޔާނާތުގައި އެކުދިންނާ ބައިވެރިވެފައިވާ މީހެކެވެ.
ޖަވާނު ދެއްވީ : ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ( ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)