އެކި މީހުންގެ މިޒާޖާއި ވިސްނުން ތަފާތުވާ ފަދައިން، އެންމެ އުޅޭނީ އެއް ހާލެއްގައެއް ވެސް ނޫނެވެ. އެކި މީހުން ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރާނީ އެކި ހާލުގައި އުޅެމުންނެވެ. އެއް ބަޔަކު އުފާވެރި އަރާމު ދިރިއުޅުމެއްގައި އުޅެމުން ދާއިރު އަނެއް ބަޔަކު ތަހައްމަލު ކުރަމުންދާނީ ދަތި ކަމާއި ފަގީރު ކަމުގައެވެ. އެއްވެސް އިންސާނެއްގެ އަތުގެ ފަސް އިނގިލި އެއްވަރު ނުވާ ބީދައިން މީހުންގެ ހިޔާލާއި ވިސްނުމާއި، ދިރިއުޅުމެންދާ ހާލަތުވެސް އެއްވަރެއް އަދި އެއްގޮތެއް ވެސް ނުވާނެއެވެ. އެންމެ ވިސްނޭ އަދި ހިތްތިރި އިންސާނަކީ އޭނާގެ ހާލަތު ދެނެގަންނަ ފަދައިން އޭނާގެ އަޚާގެ ހާލަތުވެސް ދެނެގަންނަ މީހާއެވެ.

މީސްމީޑިއާގައި މީހުން ކައިރީ އެކި ކަހަލަ މާލީ އެހީއަށް އެދި އާދޭސްކުރުން ވެފައިވަނީ، މިއަދު ދިވެހިންގެ ތެރޭގައިވެސް ދުވަހަކަށް ވުރެ ދުވަހެއް އާންމުވަމުން އަންނަ ކަމަކަށެވެ. މިކަމުގައިވެސް އެކި މީހުން ގެންގުުޅެނީ އެކި ވިސްނުމެވެ. މިކަމުގައި އެގޮތަށް އެހީއަށް އެދޭ މީހުން ގޯސްކޮށްފައިވެސް އެތައް ބަޔަކު ވާހަކަދައްކާފައި އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، މީހަކު އެހީއަށް އެދުމުން ނުވަތަ ކަމަކަށް ތިބާ ކުރެން އެހުމުން، އެމީހެއްގެ ހާލަތު ދެނެ ނުގަނެ ނުވަތަ އެމީހެއްގެ ގޮތް ނުބަލާ، ވަގުތުން ގޮތްނިންމުމަކީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި އެހީއަށް އެދި އާދެސްކުރަމުން އެދާ އެންމެންނަކީ ދޮގުވެރިން ނުވަތަ ހީލަތްތެރިންނަކަށް ނުވާނެއެވެ. 

ކުޑަކުޑަ ވާހަކެއް ހިއްސާކޮށްލުމުގެ އިޒުނައަށް އެދެމެވެ. މީގެ ދެ ދުވަސް ކުރިއެވެ. އަހަރެން މަސައްކަތް ކުރާ އޮފީހުގައި އަހަރެންނަށް ވުރެ އިސްމަގާމެއްގައި މަަސައްކަތް ކުރަމުން ދިޔަ މީހަކަށް ދިމާވި ހާދިސާއެއް ކިޔާލަދޭނަމެވެ. މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއެކެވެ. އަހަރެންނާއި އެކު މަަސައްކަތް ކުރާ މިބުނާ އެކުވެރިޔާ،އަށް މެސެންޖާއިން ނުދަންނަ މީހަކު މެސެޖް ކުރަނީ ވަރަށް ދަތިކޮށް އުޅޭ ކަމަށް ބުނެ ކާނެ އެއްޗެއް ގަންނަ އެހީ އަކަށް އެދިއެވެ. އެމީހާ ވަނީ ފައިސާ ފޮނުވަންވީ އެކައުންޓް ނަމްބަރުވެސް ފޮނުވާފައެވެ. އޭނާގެ އެމެސެޖަށް ޖަވާބު ދެމުން އަހަރެންގެ އެކުވެރިޔާ އޭނާއާއި ކުރީ ސުވާލެކެވެ. ފައިސާ ހޯދަން މަސައްކަތެއް ނުކުރަނީ ކިއްވެތޯއެވެ. ޖަވާބުގައި އެމީހާ ބުނީ ވަޒީފާއެއް ހޯދަން ވަރަށް މަަސައްކަތް ކުރާ ކަމަށާއި، ނަމަވެސް އަދި ކާމިޔާބު ވާގޮތް ނުވަނީ ކަމަށެވެ. އަަހަރެންގެ އެކުވެރިޔާ އެމީހާ ކައިރި މާތްﷲ ދެއްވި އަގުހުރި ނިއުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުން، އެ ކަލާނގެ އެމީހާއަށް ރިޒްގު ދެއްވާނެ ކަމަށް ބުންޏެވެ. އެމީހާ ޖަވާބަކަށް ބުނީ ﷲގެ ހައްގުގައި، އެންމެ ފަހަރަކަށް އެހީތެރިވުމަށެވެ. އަހަރެންގެ އެކުވެރިޔާ އެހީ ދޭން ގަބޫލުވިއެވެ. ނަމަވެސް އެކުވެރިޔާ ބުނީ ފައިސާ ބޭންކް އެކައުންޓަށް ނުފޮނުވޭނެ ކަމަށާއި ނަމަވެސް ދިމާވެއްޖެ ނަމަ ދެވިދާނެކަމަށެވެ. 

އަހަރެންގެ އެކުވެރިޔާ ބުނި ތަނަށް ފައިސާ ބަލާ އަންނަން ވެސް އެމީހާ އެއްބަސް ވިއެވެ. އެމީހާ ފައިސާ ބަލައި އައުމުން އަހަރެންގެ އެކުވެރިޔާ އޭނާއަށް 100 ރުފިޔާ ދިނެވެ. އަދި އެއަށްފަހު އޭނާ އެ ހިފައިގެން ދަނީ ކޮންތާކަށްތޯ ބެލުމަށް އޭނާ ފަހަތުން ދިޔައެވެ. އެމީހާ މެސެޖުކޮށްފައި ބުނި ގޮތަށް، އެކުވެރިޔާ ފައިސާ ދިނުމުން އެ ފައިސާ ހިފައިގެން އެމީހާ ދިޔައީ މާލޭގެ ކެފޭއަކަށެވެ.

އަހަރެންގެ އެކުވެރިޔާ އެމީހަކީ ފައިސާގެ ހީލަތުގައި އުޅޭ މީހެއް ނޫނޭ ބުނެ ވާހަކަ ދެއްކެމުން އެންމެ ދުވަހަކުން މީހެއްގެ ގޮތް ނޭނގޭނޭ ބުނެ އަަހަރެން ރައްދު ދިނީމެވެ. ނަމަވެސް އަހަރެންނަށް ވެސް ފަހުން ވިސްނުނީ ފަހަރުގައި އެންމެން އެއްގޮތް ނުވެދާނެކަމެވެ. ހަގީގަތަކީ އެމީހާއަކީ ދޮގުވެރިއަކަށް ވީނަމަ އެމީހާ އެ ފައިސާކޮޅު ހިފައިގެން ދާނީ ކޮންމެވެސް އެހެން ދިމާލަކަށް ކަމެވެ. ނުވަތަ ދިމާވެފައި ފައިސާ ހަވާލު ކުރާނަމޭ ބުނުމުން ބަލައި ނުވެސް އަންނާނެއެވެ.

ވިސްނާލާށެވެ. އަހަރެމެން ބޭނުންހާ އެއްޗެއް ކައިގެން ކިތަންމެ ހަމަޖެހިގެން ތަނަވަސް ކަންމަތީ ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރަމުން ދިޔަ ކަމުގައި ވީނަަމަވެސް، ހަގީގަތަކީ އަހަރެމެންގެ ދީލަތި އެހީ ބޭނުންވާ އެތައް ބަޔަކު މިގައުމުގައި ވެސް ދިރިއުޅެމުންދާ ކަމެވެ. މީހަކަށް އެހީއެއް ވެގެން ނުވަތަ ހެޔޮހިތުން ޞަދަގާތެއް ކޮށްގެން ތިބާއަށް ގެއްލުމެއް ނުވާނެއެވެ. ވިއަސް ވާނީ ފައިދާއެވެ. މާތްﷲ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ތަނަވަސްކަމާއި ރިޒްގު ދެއްވީ އެއިން ފަގީރުންނަށް ވެސް އަޅައިލައި އެހީތެރިވުމަށެވެ. މީހަކު ތިބާ ކައިރީ އެހީއަށް އެދުމުން ވަގުތުން އެމީހަކީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ނިންމައިގެން ނުވާނެއެވެ. އެއީ މުސްލިމަކަށްވެ ހުރެ ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫނެވެ.

އެގޮތަށް މީސްމީޑިއާގެ މަންސަތަކުގައި އެހީއަށް އެދި މީހުންނަށް މެސެޖްކޮށް އުޅޭ މީހުންގެ ތެރޭގައި ދޮގުވެރިންނާއި މަކަރުވެރިންވެސް އުޅެއެވެ. ތަނަވަސް ދިރިއުޅުމެއްގައި އުޅެމުން ވެސް މީހުން ކައިރި އާދެސްކޮށް ސަލާން ޖަހާ މީހުންވެސް އެބައުޅެއެވެ. ނަމަވެސް ބުނަން މިއުޅޭ ވާހަކައަކީ، އެންމެން އެއްގޮތް ނުވާނެ ވާހަކައެވެ. މީހަކު ތިބާއަށް މެސެޖްކޮށް އެހީ އަކަށް އެދުމުން އެމީހަކު އެންމެންގެ ތެރެއަށް ފަޟީހަތްކޮށްލާ ލަދުގަންނަވާލުމުގެ ކުރިން އެމީހާގެ ހާލު ދެނެގަންނަ މަސައްކަތް ކުރާށެވެ. އެމީހާގެ ގޮތް ބަލަން މަސައްކަތްކުރާށެވެ. ތިބާ، އެމީހާ ފަދައިން މީހަކު ކައިރީގައި އެހީ އަކަށް އެދި ސަލާންޖަހަން ޖެހިއްޖެނަމަ ކުރެވޭނެ އިހްސާސްތައް ހިތަށް އަރުވާށެވެ. މިޒަމާނުގައި އެއްވެސް މީހަކު މަޖުބޫރު ހާލަތެއް ދިމާވެގެން ނޫނީ މީހަކު ކައިރި ކަމަކަށް އާދޭސް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ގިނަ މީހުން ބޭނުންވާނީ މީހެއްގެ އެހީއަށް ނޭދި އަމިއްލަ މަސައްކަތުން އަމިއްލަ ހާލައިގެން އުޅެވޭތޯއެވެ. އެހެންކަމުން ދެންވެސް މީހަކު އެހީއަށް އެދިއްޖެނަމަ، އެމީހަކީ ދޮގުވެރިއަކަށް ނުވާނަމަ ތިބާއަށް ވެވޭވަރަކުން އެހީތެރިވުމަށް ހަނދާން ކުރާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *