ލިއޮނަލް މެސީގެ ގޯލުން ލެވަންޓޭ 1-0 އިން ބަލިކޮށް ބާސެލޯނާ އިން 11 އަހަރުގެ ތެރޭގައި އަށް ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފި އެވެ.
މީގެ އިތުރުން ބާސާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ލީގުގައި ބާކީ ތިން މެޗު އޮއްވާ ލީގު ޗެމްޕިއަންކަން ހޯދުމެވެ.
ރޭގެ މެޗް ބާސާއަށް ކަށަވަރުވެގެން ދިޔައީ ތާވަލުގެ އެއް ވަނައިގައި 83 ޕޮއިންޓް ހަމަކޮށް، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ނެގި ނުވަ ޕޮއިންޓުގެ ލީޑާ އެކު އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 62 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރައި ކާމިޔާބުކޮށްފައިވަނީ މެސިއެވެ. މިއީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް މެސީ ލީގުގައި ޖެހި 34 ވަނަ ގޯލެވެ.
ބާސެލޯނާގެ ތާރީހުގައި އެ ޓީމުން 26 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރިއިރު، 33 ތައްޓާ އެކު އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމަށް މި ސީޒަނުގައި ބޮޑު މުބާރާތެއް ކާމިޔާބެއް ނުކުރެވެ އެވެ. މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒައިނުއްދީން ޒިދާން ގެނެސް އަންނަ ސީޒަނުގައި ލީގު ކާމިޔާބުކުރަން އެ ޓީމުން ވަނީ ޓާގެޓްކޮށްފަ އެވެ.