ޕޭންކޭކަކީ ތައްޔާރު ކޮށްލަން ފަސޭހަ އަދި ހުރިހާ އުމުރު ފުރަޔަކާވެސް ގުޅޭ، ކާލަން މީރު އެއްޗެކެވެ.

ޕޭންކޭކް ތައްޔާރު ކުރަން ބޭނުންވަނީ ހަމަ އެންމެ 3 ބާވަތެވެ. ފުށާއި ބިސް އަދި ކިރެވެ. ބޭނުން ނަމަ ހަކުރު އެޅިދާނެއެވެ. މިއީ އެންމެ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ޕޭންކޭކެވެ. ނުވަތަ ކްލާސިކް ޕޭންކޭކެވެ. މި ރެސިޕީ ތައްޔާރު ކޮށްލުމަކީ ކުޑަ ކުދިންނަށްވެސް ކުރެވިދާނެ ކަމެކެވެ.

ހުރިހާ ކަމެއް ކުރާއިރުވެސް އެންމެ ފަސޭހަ ގޮތް ދޫކޮށް، އިތުރު އުސޫލުތައް ބޭނުންކޮށް، އައު އެއްޗެއް އުފެއްދުމަކީ އަހަރެމެން ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެންކަމުން، ޕޭންކޭކް ތައްޔާރު ކުރުމުގައިވެސް އެކިމީހުން ތަފާތު ރެސިޕީތަކާއި ތަފާތު އުކުޅުތައް ގެންގުޅޭތަން ފެނެއެވެ.

އޯރިއޯ ޕޭންކޭކް

އޯރިއޯ ބިސްކޯދަކީ ކުޑަ ކުދިންގެ އިތުރުން ޒުވާނުން އަދި މުސްކުޅިންގެ މެދުގައިވެސް މަގުބޫލު އެއްޗެކެވެ. އަދި އޯރިއޯ ބިސްކޯދު ބޭނުން ކޮށްގެން ތަފާތު ވައްތަރުގެ ފޮނިކާތަކެތި ތައްޔާރުކުރުމަކީ ދިވެހިންގެ ތެރޭގައިވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ޕޭންކޭކް ތައްޔާރު ކުރާއިރު އޯރިއޯ އޭގެ ތެރެއަށް އެއް ކުރެވިދާނެއެވެ. އަދި ޕޭންކޭކްތައް ފިހެ ނިމުމުން މައްޗަށް ކުޑަ ޗޮކްލެޓް ކޮޅެއް ނުވަތަ ވެނީލާ އައިސް ކްރީމް ކޮޅެއް އެޅުމަށްފަހު އޯރިއޯ ބިސްކޯދު މުގުރާލާފައި ނުވަތަ ހުރި ގޮތަށްވެސް އަތުރާލެވިދާނެއެވެ.

ރެއިންބޯ ޕޭންކޭކްސް

ކުޑަކުދިން އާންމުގޮތެއްގައި އެކި ކުލަ ކުލައިގައި ހުންނަ އެއްޗިއްސާ ގަޔާވެއެވެ. އަދި ބައެއް އަންހެނުންނަށްވެސް އެކި ކުލަ ކުލައިގައި ހުންނަ އެއްޗެހި ކަމުދެއެވެ. އެގޮތުން ރެއިންބޯ ޕޭންކޭކްތައް ތައްޔާރު ކުރާއިރު ހުންނާނީ އެކި ކުލަ ކުލައިގެ ޕޭންކޭކްތައް މަތިމައްޗަށް އަތުރާލާފައެވެ. ދެން ދެ ޕޭންކޭކްގެ ދެމެދަށް ބޭނުމިއްޔާ އައިސްކްރީމް ނުވަތަ މާޝްމެލޯވެސް ވިރުވާލާފައި އުނގުޅާލެވިދާނެއެވެ. ރެއިންބޯ ޕޭންކޭކް ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ވިިއްސާރަ ދުންޏަކީ ކުލަތައް ގިނަ އެއްޗެއް ކަމުން އެކުލަތަކުގެ ކާކުލަ އަޅައިގެން ފަހަރަކު ފުށްގަނޑެއް ތައްޔާރު ކުރުމަކީ ގިނަ އިރު ނަގާނެ ކަމަކަށް ވީމައެވެ.

ބާގަރ ޕޭންކޭކްސް

ކާހިތްވަނީ ފޮނި އެއްޗެއް ނަމަވެސް ބާގަރ ވެސް ކާހިތް ވާނަމަ ބާގަރ ޕޭންކޭކަކީ އެކަމަށް އޮތް ހައްލެވެ. ނޫނެކެވެ. ބާގަރ ޕޭންކޭކް އެއީ ކުޅި އެއްޗެއް ނޫނެވެ. އެހެން ޕޭންކޭކްތަކެކޭވެސް އެއްފަދައިން އެއީވެސް ފޮނި އެއްޗެކެވެ. ބާގަރ ޕޭންކޭކް ތައްޔާރު ކުރާއިރު ބާގަރގެ އެތެރޭގައި ހިމެނޭ މަސްގަނޑު ގޮތައް ޗޮކްލެޓް ކުލައިގެ ޕޭންކޭކެއް ބޭއްވިދާނެއެވެ. އަދި ލެޓިއުސް އަށް ކާށިހުނީގައި ފެހި ކުލަ ޖައްސާފައި ބޭއްވީދާނެއެވެ. ޗީޒްގެ ގޮތުގައި ތަފާތު އައިސިންގ ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުންވެސް ޕޭންކޭކް ތައްޔާރު ކުރާނެ އެތަކެއް ރެސިޕީއެއް ހުންނާނެއެވެ. ބޭނުންވާނީ ބުއްދީގެ ބޭނުން ކުރުމާއި ތަފާތު އެއްޗެހި ބޭނުން ކޮށްގެން އެކްސްޕެރިމެންޓު ކުރުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.