ހުކުރު ދުވަހުގެ ރޭ މާފަންނު ސަލްސާ ރޯޔަލް ކައިރިން މާރާމާރީ އެއް ހިންގާ ވަޅިއަކުން ޒަހަމު ކޮށްލި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ބަންގްލްދޭޝް މީހާއަށް މިހާރުވެސް ދަނީ ފަރުވާ ދެމުން ކަމަށާއި، އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
އެމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމް ކޮށްލީ ވެސް ބިދޭސީ މީހެކެވެ. ބިދޭސީންގެ ގުރޫޕަކުން ދިން އެ ހަމަލާގައި އަނިޔާވެފައިވަނީ 25 އަހަރުގެ ފިރިހެނަކަށެވެ.
ހުކުރު ދުވަހުގެ ރޭ 10:27 ހާއިރު، ހިންގި އެ މާރާމާރީގައި ބިދޭސީ މީހާއަށް ހަމަލާ ދިނުމަށްފަހު އަނެއް ބިދޭސީ މީހާ ފިލަން މަސައްކަތް ކުރަނިކޮށް އޭނާ ވަނީ "އިވްނިން މާޓް" ކައިރިން ހައްޔަރުކޮށްފައެވެ.
ޒަހަމްކޮށްލި ބިދޭސީ މީހާގެ ހަށިގަނޑުގެ އެކި ތަން ތަނަށް ވަނީ ވަޅިން ހަމަލާދީފަ އެވެ. އޭނާގެ ކަރަށާއި މޭމަތި އަދި ބުރަކަށިން ޒަހަމް ވެފައި ހުރި ނިޝާންތަކެއް ފެންނަން ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.