ކަދުރަކީ އަހަރެމެން ދިވެހިން ފަދަ ސައްތައިން ސައްތަ މުސްލިމުން އުޅޭ ގައުމެއްގެ އެއްވެސް މީހަކަށް ބީރައްޓެހި މޭވާއަކަށް ނުވާނެއެވެ. ހިކި ކަދުރާއި ރޯ ކަދުރެވެ. އިސްލާމީ ނަޒަރަކުން ވިސްނާލިއަސް ކަދުރަކީ އަހަރެމެންނާއި ގުޅި ލާމެހިފައިވާ މޭވާއެކެވެ. އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަންތަކުގައިވެސް ކަދުރުގެ ދައުރު ވަރަށް ފުޅަލެވެ. ކީރިތި ޤުރުޢާނުގެ ވެސް އެތައް ތަނެއްގައި ކަދުރުގެ ނަން ގަނެވިފައިވެއެވެ. މި ހުރިހާ ކަމަކުންވެސް އަންގައިދެނީ ކަދުރުގެ މާތްކަމާއި މުހިންމުކަމެވެ.

ޝައްކެއްވެސް ނެތެވެ. ޤުރުޢާނުގައި އެތައް ތަނެއްގައި އެތައް ފަހަރަކު ނަންގަނެވިފައިވާނީ އެއްގޮތަކުންވުރެ ގިނަ ގޮތްގޮތުން ފުރިހަމަ، ގިނަ އަދަދެއްގެ ފައިދާއާއި މަންފާ އިންސާނުންނަށް އެއިން ލިބިދޭ އެއްޗެކެވެ. ކަދުރުގައިވެސް އަޖާއިބުން ފުރިފައިވާ ފައިދާތަކެއްވެއެވެ.

ކީރިތި ޤުރުޢާނުގެ އެތައް އާޔަތެއްގައި މާތްﷲ ކަދުރުގެ ނަން ބަޔާންކުރައްވައި އޭގައި ފައިދާހުރި މިންވަރު އަންގައި ކަދުރު މާތް ކުރައްވާފައިވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާވެސް މިކަމުގެ އަމަލީ ނަމޫނާ ސުންނަތުން ދެއްކެވިއެވެ. އޭގެ ތެރެއިންވެސް ރޯދަ ވީއްލުމުގައި ގަދަވެގެންވާ ސުންނަތުގެ ތެރޭގައި ކަދުރަކުން ރޯދަ ވީއްލުމަށް އަންގަވާފައިވާނީ އޭގެ ފަހަތުގައި މަތިވެރި ހިކްމަތްތަކާއި އެކަށީގެންވާ ސަބަބުތަކެއް ހުރުމުންކަން ކަށަވަރެވެ.

ކަދުރުން ލިއްބައިދޭ ބައެއް ފައިދާތައް

ގިނަ ނިއުޓްރިޝަންތައް އެކުލެވޭ

ކަދުރު ހިއްކުމުން އޭގައި އެކުލެވިގެންވާ ފައިދާހުރި މާއްދާތަކުގެ މިންވަރު ގިނަވާނެއެވެ. ކަދުރުގައިވާ ގިނަ ކެލޮރީސްތައް އަންނަނީ ކާރބްސް ގެ މާއްދާއިންނެވެ. ކަދުރަކީ އޭގައި މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓްސް އެކުލެވިގެންވުމުގެ އިތުރުން، ފައިބަރ، ޕްރޮޓީން، ޕޮޓޭޝިއަމް، މެގްނީޝިއަމް، ކޮޕަރ، މެންގަނީސް، އަޔަން، ވިޓަމިން ބީ ސިކްސް ފަދަ ފައިދާހުރި މާއްދާތައް އެކުލެވިގެންވާ މޭވާއެކެވެ.

މަތީ މިންވަރަކަށް ފައިބަރ އެކުލެވޭ

ފައިބަރ ގިނައިން ހުރުމަކީ ކާނާއެއްގައި ހުންނަ ވަރަށް މުހިންމު ސިފައެކެވެ. އެހެނީ އޭގެ ސަބަބުން ހަރުކާނާއަކަށްވެސް އެ ކެއުމުން ފުދޭނެއެވެ. ފައިބަރ ގިނައިން އެކުލެވުމުގެ ސަބަބުން ހަޖަމް ކުރުމުގެ ނިޒާމު ވެސް ފުރިހަމަވެގެން ދެއެވެ. މީގެ އިތުރުން ގިނަ ހިތުގެ ބަލިތަކާއި ލެއަށް ޖެހޭ ބަލިތަކުން ދުރުކޮށްދިނުމަށް ފައިބަރ އެހީވެދެއެވެ.

ގޭސްޓްރިކްވުމުން ދުރުކޮށްދޭ

ގޭސް ސްޓްރިކް ވުމަކީ ގިނަ އަދަދެއްގެ މީހުންނެއް ތަހައްމަލުކުރަން ޖެހޭ އުނދަގުލެކެވެ. މީގެ އިތުރުން ރޯދަމަހުގައި މި މައްސަލަ ދިމާވެ، އެ އުނދަގޫ ތަހައްމަލް ކުރަން ޖެހޭ މީހުންގެ އަދަދުވެސް ދިވެހިންގެ ތެރޭގައިވެސްް މަދެއްނޫނެވެ. ސައެންޓިސްޓުން ކުރިއަށް ގެންދިޔަ ގިނަ އަދަދެއްގެ ދިރާސާތަކުން ދައްކުވާ ގޮތުން ރޯދަ ވީއްލާ ގަޑީގައި ހިއްކައިފައިވާ ކަދުރު ބޭނުންކުރުމަކީ އެހެން މީހުންނަށްވުރެ ތިމާގެ ގޭސް ސްޓްރިކް ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. އަދި ވެސް މި ނޫން ބަނޑަށާއި ގޮހޮރަށް ޖެހޭ ގިނަ ބަލިތަކުން ދިފާއުކުރުމުގައި ކަދުރު އަދާ ކުރަނީ އިސް ދައުރެކެވެ.

ވިހެއުމަށް ފަސޭހަކޮށްދޭ

ވިހެއުމަކީ ވަރަށް ވޭންހުރި، ދަތި އުނދަގޫތައް ތަހައްމަލުކުރަން ޖެހޭ ކަމެކެވެ. ފަސޭހައިން ދަރިއަކު ވިހެއުމަކީ މީހަކަށް ލިބޭ ނިޢުމަތެއްކަމަށްވެސް ބައެއް މީހުންދެކެވެ. ޒަމާނުއްސުރެ ކަދުރު ކެއުމުން ވިހެއުމަށް ފަސޭހަވާ ކަމަށް އަންހެނުން އަންނަނީ ބުނަމުންނެވެ. ސައެންޓިސްޓުން ވެސް އަންނަނީ މިކަމުގެ މައްޗަށް ދިރާސާތައް ކުރަމުންނެވެ. މި ދިރާސާތަކުން ދައްކާ ގޮތުން ކަދުރު ކެއުމަކީ ވިހެއުމަށް ފަސޭހަވާ، ވިހެއުމުގެ ބުރަ ލުއިވެގެންދާ ކަމެކެވެ.

ކަށިތައް ވަރުކޮށްދޭ

ކަދުރުގައި އެކުލެވިގެންވާ ކެލްޝިއަމް، މެގްނީޝިއަމް ފަދަ މިނެރަލްތަކުގެ ސަބަބުން ކަށިތައް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ކަށިތައް ދެމެހެއްޓުމަށް އެހީވެދެއެވެ. ކަށިތައް ބަލިކަށިވެ، ފީވުމަށް ދިމާވާ ބައެއް ބަލިތަކުން ދުރުކޮށްދިނުމަށްވެސް މި މިނެރަލްތައް އެހީވެދެއެވެ.

ބްލަޑް ޝުގަރ ކޮންޓްރޯލްކޮށްދޭ

ހަކުރުބަލި ހުންނަ މީހުންނާއި ލޭ މައްޗަށް ދާ މީހުންނަށް ކަދުރަކީ ރަހުމަތެއްފަދަ މޭވާއެކެވެ. އެހެނީ ހަށިގަނޑުގައި ހުންނަ ގްލައިމެކްސް އިންޑެކްސް ދަށްކޮށް ދިނުމަށް ކަދުރު އެހީވެދެއެވެ. އޭގެ މައިގަނޑު ސަބަބަކީ އޭގައިވާ އެންޓި އޮކްސިޑެންޓްތަކާއި ފައިބަރ ގެ މާއްދާއެވެ. ނަތީޖާއެއްގެ ގޮތުން ކަދުރަކީ ހަކުރުބަލި ހުންނަ މީހުންނަށް ވަރަށް ފައިދާހުރި މޭވާއެކެވެ.

ސިކުނޑީގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދަމަހައްޓާދޭ

ރިސާޗްތަކުން ދައްކާގޮތުން ކަދުރަކީ އިންފްލެމެޝަންތަކުން ދުރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އަލްޒައިމަރސް ފަދަ ހަނދާން ނެތޭ ބަލިތަކުން ދުރުކޮށްދިނުމަށްވެސް ކަދުރު އެހީވެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *