ދެން އެންމެ އަވަހަށް އަންނަ ރިޔާސީ އިންތިހާބެއްގައި ރާއްޖޭގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާނީ ޕީއެންސީން ކަމަށް އެ ޕާޓީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެބޭފުޅުން ސިޔާސީ ދާއިރާއަށް ނުކުމެ މި ތިބީ ސިޔާސީ މައިދާނުގައި ވާ ކަންތައްތައް އެނގޭ ހާލުގައި ކަމަށެވެ.
އެ ގޮތުން ދެން މި ރާއްޖެއަކުން ޕީއެންސީގެ އަޑު ކަޑައެއް ނުލެވޭނެ ކަމަށާއި، ޕީއެންސީ ދާނި ދުވަހެއް ދުވަހަކަށް ވަރުގަދަވެ ކުރިއަރައިގެން ކަމުގައި އަބްދުއްރަހީމް(އަދުރޭ) ވިދާޅުވިއެވެ.
"މި ރާއްޖޭގެ ސިޔާސީ މައިދާނުުގައި ދެނެއް ކޮންގްރެސް ޕާޓީގެ އަޑެއް ކަނޑައެއް ނުލެވޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ޕީއެންސީ އޮންނާނީ ތައްޔާރަށް. އެކަމަށް ކޮންގްރެސް ޕާޓީ ތެދުވާނީ ނިކަން ސާބިތުކަމާއި އެކީގައި. ދެން މި ރާއްޖޭގެ ރިޔާސަތާއި ހަވާލުވާނީ ކޮންގްރެސް ޕާޓީ ކަމާއިމެދު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިތުގައި އެއްވެސް ޝައްކެތް ނުކުރަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގެ ގައުމީ ނައު ދަނީ އެއްވެސް އަމާޒެއްނެތި ކަމަށާއި އެހެން ކަމުން ޕީއެންސީގެ މެމްބަރުން އަޒުމް ކަނޑައަޅާންވީ، ގައުމީ ނަވަށް ގެއްލިފައިވާ މިސްރާބު ހޯދައިދީ ދަތުރުކުރަންވީ މަންޒިލް ކަށަވަރުކުރުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި އިނދިކޮޅު ޕާޓީއެއް އޮތުމުގެ ބޭނުމަކީ އެއިރެއްގައި އޮންނަ ސަަރުކާރެއް ޖަވާބުދާރީ ކުރުވުން ކަމުގައި ފާހަގަކުރައްވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ސަރުކާރު ޒިންމާދާރު ކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެބޭފުޅުން ކުރާނެކަމަށެވެ.
އެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވަނީ ދެން އަންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރާނީ ޕީއެންސީއިން ކަމަށް ވިދާޅުވެފައެވެ.