ސިހުރުހެދުމަކީ މާތް ﷲ ހަރާމް ކުރައްވައިވާ ކަމެކެވެ. ސިހުރުވެރިންގެ ސިހުރުން ރައްކާތެރިވޭނެ ގޮތްތައް ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތުންނާއި އިލްމުވެރިންގެ ފަތްފުއްތަކުން އެނގެން އެބަހުށްޓެވެ.

އިލްމުވެރިން ދެކިލައްވާ ގޮތުގައި ސިހުރުގެ އެންމެ އާންމު ބާވަތަކީ ގެއަށް ހަދާފައިވާ ސިހުރެވެ. ގެއަށް ސިހުރު ހަދަނީ މައިގަނޑު ތިން ސަބަބަކާއި ހުރެއެވެ. އެއީ ގެ ފަޅުކޮށްލުމާއި، ގެ އާބާދުވިޔަ ނުދިނުމާއި އިމާރާތް ހުށްޓުވުމުގެ އިތުރުން ސިހުރުވެރިޔާ، ސިހުރު ޖައްސަން ބޭނުންވާ މީހާ އެގޭގައި އުޅުމުގެ ސަބަބުންނެވެ.

ސިހުރުވެރިން ގޭގެއަށް ސިހުރު ހަދާއިރު ގޭގެ އެކިތަންތާނގައި އެއްޗެހި ވަޅުލުމާއި ގެއަށް ވެލި އުކުމާއި ގޭގެ ފާރުގައި ލިޔެގެން ކިޔެވުމާއި މިނޫންވެސް ކަންކަން ކޮށްއުޅެއެވެ. 

އިސްވެ ދިޔަ ކަންކަން ކުރުމުގެ ނިޔަތުގައި ގެއަށް ސިހުރު ހަދައިފައިވާ ނަމަ އެ ސިހުރު ދެނެގަނެވޭނެ ބައެއް އަލާމާތްތަކެއް ވެއެވެ. އެގޮތުން ބައެއް އަލާމާތްތައް ތިރީގައި އެވަނީއެވެ.

1- ގޭގައި އުޅޭ ވަގުތު ނުތަނަވަސްކަން ވެރިވުން: ގޭތެރެއަށް ވަނުމުން ނުތަނަވަސްކަން ގޭގެ އަހުލުންނަށް އިޙްސާސްކުރެވޭނެއެވެ. އަދި ގެއިން ނުކުތުމުން އެ ނުތަނަވަސްކަން ފިލާނެއެވެ. މިއީ ދިމާވާ ވަކި ހާދިސާ އަކާއި ނުލައި، އަދި ކުރިން މިފަދަ ކަމެއް ނުވެހުރެފައި މިހެން ވާކަން ފާހަގަވާނަމައެވެ.

2- ގޭގައި ދިރޭ ސޫފި އާދަޔާ ޚިލާފަށް ގިނަވުން: ގޭގައި ހިނި ގިނަވުމާއި ޚާއްސަކޮށް ރަތްހިނި އާދަޔާ ޚިލާފަށް ގިނަވުން. އަދި ގޭގައި ހުންނަ ކާބޯތަކެއްޗަށާއި، އަންނައުނުތަކަށް މިގޮތަށް ހިނިއަރައި އަންނައުނު ފަދަ ތަކެތި ކައި ހެދުން. ހަމައެގޮތަށް ގެއަށް މާގިނައިން ބޮޑަތި ބޮނޑު، ބަރަވެލި، ކަކުނި ފަދަ ތަކެތި ވަނުން. މިކަންކަން ކުރިން ނުފެނުނު ނަމަވެސް ފާހަގަ ވާން ފެށުން.
3- ގޭގައި ފައިދިގު މަކުނު އާދަޔާ ޚިލާފަށް ގިނަވުން: ކިތައްމެ ވަރަށް ސާފުކުރިނަމަވެސް ގޭގައި މަކުނުވާ ގިނަވުމާއި ފައިދިގު މަކުނު މާގިނައިން އުޅުން. އަދި މިގޮތަށް ގޭގެ ވަކިތަނަކުން ފެނުމުން މަރާލިޔަސް، ނުވަތަ ނެރުނަސް، ހަމަ އެތަނަކުން ތަކުރާރުކޮށް ފައިދިގުމަކުނު ފެނުން.
4- ހިނިހޮރު ގިނަވުން: ގިނަފަހަރަށް ވަކި ތަނަކަށް ސިހުރު ހެދުމަށްފަހު ފެން އަޅައިފި ނަމަ ނުވަތަ އެއްޗެއް ވަޅުލައިފިނަމަ އެތަނެއްގައި އާދަޔާ ޚިލާފަށް ގަދަޔަށް ހިނިހޮރު ކޮނެއެވެ. އެދި އެހޮރުތައް ފޮރުވާލިޔަސް އަނެއްކާވެސް ހަމަ އެތަނެއް މާގަދަޔަކަށް ހިނިހޮރު ކޮނެއެވެ.
5- ގޭތެރެ އަނދިރިވުން: ގޭތެރެ ކިތައްމެ ވަރަށް ދިއްލާފައި ހުރިނަމަވެސް ގޭތެރޭގެ އަލިކަން އިޙްސާސްނުވުން. އަދި ގޭގައި އަނދިރިކަމެއް ހުންނަކަން އިޙްސާސްވުން.
6- ގޭތެރެއިން ދިރުން ކެނޑި ފަޅުކަން އިޙްސާސްވުން: ގެއަކީ ކުރިން މީހުން ވަދެނުކުމެވާ، ދިރުން ހުރި ތަނެއްކަމުގައި ވިޔަސް، ސިހުރު ޖެހުމުން ގިނަފަހަރަށް ގެއަށް މީހުން ވަންނަ ހިތްނުވެ، ގޭގެ ދިރުން ކެނޑެއެވެ. އަދި ގޭގައި މީޙުން އުޅުނަސް ގެއިން ފަޅުކަން އިޙްސާސްކުރެވޭނެއެވެ.
7- ގެއަށް އައުމުން ބަލިބޮޑުވުމާއި ގެއިން ނުކުތުމުން ބަލި ކުޑަވުން: ގޭގައި އުޅޭއިރު ބޮލުގައި ރިހުމާއި، ބޯ އެނބުރުމާއި، އެހެންވެސް އެކިއެކި ބަލިތަކާއި އުދަގޫތައް ބޮޑުވުން. އަދި ގެއިން ބޭރުވުމުން، ނުވަތަ އެހެން ތަނަކަށް ދިއުމުން އެއުނދަގޫތައް ކުޑަވުން. މިގޮތަށް މިއަސަރު ފާހަގަވާނީ ގޭގައި ސިހުރުޖެހިފައި ހުރި މީހަކު އުޅޭނަމަ އެމީހަކަށެވެ.
8- ގޭތެރޭގައި އަބަދު ހައިޖާނު އުފެދުން: ގޭގައި އުޅޭ މީހުންގެ މެދުގައި އަބަދު ޒުވާބު އުފެދުމާއި، އެކަކު އަނެކަކަށް ފޫހިވެ ރުޅިއަންނަގޮތްވުން. ނަމަވެސް ގެއިން ބޭރުގައި ނަމަ މިފަދަކަމެއްގެ އަސަރެއްވެސް ނުފެނުން.
9- ގެ ޢިމާރާތް ކުރެވޭގޮތް ނުވުމާއި ޢިމާރާތައް ހުރަސް އެޅުން: އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ގެ ހަދަން މަސައްކަތް ކުރިޔަސް އަދި އެކަމުގެ ތަނަވަސްކަން ހުއްޓަސް އެކަން ކުރެވޭގޮތް ނުވުން. އަދި ހަދަން ފަށާތަނެއްވެސް ވާނުވާ ނޭނގި ތާކުންތާކު ނުޖެހޭ ކަމަކާ ހުރެ ހުއްޓޭގޮތްވުން. މިގޮތަށް ކަންކަން ތަކުރާރުވުން.
10- ރޭގަނޑާއި ދަންވަރު ގެއިން އަޑުއަޑު އިވުން: ޚާއްސަކޮށް ރޭގަނޑު، މީހުން ހޭލާ އުޅުނަސް، އެއްވެސް މީހަކު ނެތި މީޙަކު ދޮރުގައި ޓަކި ޖަހާއަޑު އިވިދާނެއެވެ. ނުވަތަ މީހަކު ހިނގާއަޑު، ފައިކާރުވާ އަޑު އިވިދާނެއެވެ. އަދި ބަލައިލާއިރު މީހެއްގެ ހިލަމެއްވެސް ނުހުންނާނެއެވެ. އަދި ދަންވަރު ވަގުތުވުމުން ގެމައްޗަށް ބޮޑު ބަރު އެއްޗެއް ވަރަށް ބާރަށް ވެއްޓޭ އަޑު އިވިދާނެއެވެ. ބިންމައްޗަށް ފަސްއޮށެއް ވައްޓާލުމުން ގޮވާ އަޑު ގޮވާފާނެއެވެ. ފުރާޅަށް ފެން ނުވަތަ ވެލި އެއްޗެއް އޮއްސިގަންނަ އަޑު ފަދަ އަޑެއް އިވިދާނެއެވެ. މިފަދަ އަޑު ތަކާއި ޖިންނީންގެ ޖެއްސުންކުރުންތައް އެފަދަ ގެއެއްގައި ވަރަށް ގިނަވާނެއެވެ.
11- ގޭތެރެއިން އެއްޗެހި ފެނުން: ގޭތެރެއިން ކަޅު ހިޔަނި ފަދަ އެއްޗެހި ފެނުމާއި، ކުއްލި ކުއްލިއަށް ގޭތެރެއިން މީހަކު ހުރަސްކޮށްލާހެން ފެނުން. އަދި ދަންނަ މީހެއްގެ ސިފައިގައި ޖިންނި ގޭތެރެއިން ފެނި ކިތައްމެ ވަރަށް ވާހަކަ ދެއްކިޔަސް އަނގައިން ނުބުނެ ހުރެ ނުކުމެގެން ދިޔުން. އަދި ފަހުން އެމީހާކުރެ އެހުމުން އެމީހާ ޙަޤީޤަތުގައި އެގެއަކަށް ނުވެސް އާދެއެވެ. 

އިސްވެ ދިޔަ ބައެއް އަލާމާތްތަކަކީ ގެއަށް ސިހުރު ހަދާފައިވާ ނަމަ ފެންނާނެ ބޮޑެތި އަލާމާތްތަކެވެ. އެ ފަދަ އަލާމާތްތައް ތަކުރާރުކޮށް ފެންނަނީނަމަ ސިހުރު ބާތިލް ކުރުމަށް ރުޤްޔާ ކުރަން ޖެހެއެވެ.

މަސްދަރު : http://maithiri.com/47493

12
12
3
2
23

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *