ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމާނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ކަމުގައި އެ ޕާޓީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ގެންދިޔަ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުފެދިގެން އައީ ސިޔާސީ މައިދާނުގައި ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ލީޑަރ ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އެކުގައި ކަމަށެވެ. އެ ގޮތުން އެ ޕާޓީގެ މެމްބަރުން ސިޔާސީ މައިދާނަށް ނުކުތީ ސިޔާސީ ކަންކަން ވަރަށް ރަނގަޅަށް އެނގިގެން ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވަނީ ޕީޕީއެމް އަދި ޕީއެންސީ ޖައްސަން ނޫޅުމަށް އެދެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިލައްވާފައެވެ. އަދި އެކަން ކުރުމަށް އުޅުނަސް އެކަން ނުވާނެ ކަމަށްވެސް އަބްދުއްރަހީމްވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ނައު މިހާރުވަނީ މިސްރާބު ގެއްލިފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގައުމީ ނަވަށް ބޭނުންވަނީ ދިވެހިރާއްޖޭގެ ފަރުތަކާއި ކަނޑުއޮޅިތައް ދަންނަ މާލިމީން ކަމަށާއި އެގޮތުން ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަދި ޕީއެންސީ އަކީ ހަނގުނަމަވެސް ވަރުގަދަ ޕާޓީއެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.