ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާއިރު އަޅުގަނޑުމެން އެންމެ ހާއްސަ އިސްކަމެއް ދޭނީ ޒިންމާދާރު ކަމާއި އެކު ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުމާއި އެކީގައި ރައްޔިތުން ބަލައިގަންނަ ކަންކަން މަޖިލީހުގެ ތެރެއިން ކުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އާދަމް ޝަރީފް ވިދާޅުވީ، ޕީއެންސީއިން އަބަދުވެސް ރާއްޖޭގެ ޤައުމީ މަސްލަހަތު އިސްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ މުހިންމު ސަމާލުކަމެއް ދޭނީ އަޅުގަނޑުމެންގެ ޤައުމީ މަސްލަތު އިސްކުރުމަށް. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް ޤައުމީ މަސްލަހަތާއި، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ޕާޓީގެ ފަރާތުން މަޖިލީހުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ސާބިތު ކަމާއި އެކު ކުރަމުންދާނެ ވާހަކަ ދަންނަވަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި ރައްޔިތުންނާއި ގާތް ގުޅުމެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާއަށް އިންތިހާބުވި، އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޕީއެންސީއިން މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ޝަކުވާތައް އަޑުއަހައިގެން ކަމަށެވެ.