ސްރީލަންކާގައި ހައްޔަރިކޮށްފައިވާ ހަ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލައި، އެހީތެރިވަމުން އަންނަ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ޖާޒިރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ލަންކާގައި ހައްޔަރުކޮށްފައިވާ ދިވެހިންނަށް ފޮރިން މިނިސްޓްރީން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ. މީގެ އިތުރުން މިއުވާން ވިދާޅުވީ، ލަންކާގެ ފުލުހުން ހައްޔަރުކުރި ދިވެހިންނާއި ގުޅިގެން އިތުރު އަޕްޑޭޓް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، ލިބެމުން ދާ ވަރަކަށް މީޑިއާ ތަކާއި ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު ވަނީ ތަކުރާރުކޮށް މި ނާޒުކު ދަނޑިވަޅުގައި އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ނުފެތުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި މީޑިއާ ތަކުންވެސް މައުލޫމާތެއް ފެތުރުމުގެ ކުރިން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ލަންކާގައި މިދިޔަ ހަފްތާ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ވަނީ މިހާތަނަށް އެގައުމުން 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އެ ބޮމުގެ ހަމަލާތަކުގައި ވަނީ، 250 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެތައް ސަތޭކަ މީހުންނެއް ވަނީ ޒަހަމް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *