މިސްކިތެއްގެ ދެވަނަ ބުރިން ވެއްޓި، ސީރިއަސް ޒަހަމުތަކެއް ލިބިގެން ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވި އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒްމީގެ މަރާއި އެކު މުޅި އެސްޓީއޯ އަށް ފުން ހިތާމައެއް ގެނުވައިފިއެވެ.
އެސްޓީއޯގެ އައިޓީ ހެޑް، މުސްތަފާ އަޒްމީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ވެއްޓިފައިވަނީ، ރޯދަ މަހަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ (ފައި ފޮހޭ މިސްކިތް) ދެވަނަ ބުރިންނެވެ. އިމާރާތުން ވެއްޓުމުން މުސްތަފާ އަޒްމީގެ ބޮލަށާއި އެތެރެހައްޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަޒްމީ، ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިންދައިގެންގޮސް ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާވެފައި ވެއެވެ. އަދި އޭނާގެ ސިކުނޑިއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މުސްތަފާ އަޒްމީ، ވަނީ 25 އަހަރު ދުވަސް ވަންދެން އެސްޓީއޯ އަށް ހިދުމަތް ކޮށްދީފައެވެ. އަޒްމީ ނިޔާވުމާއި ގުޅިގެން އެސްޓީއޯގެ ފަރާތުން ނެރުނު ބަޔާނުގައި، އެކންފުނިން ބުނެފައިވާ ގޮތުގައި، އެމީހުންނާއި އެކު ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މުސްތަފާ އަޒްމީ ނިޔާވުމާއި ގުޅިގެން މުޅި އެސްޓީއޯ ވަނީ ފުން ހިތާމައެއްގައި ކަމަށެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އަޒްމީ އަކީ ސްޓާފުން ވަރަށް އިހުތިރާމު އަދި ގަދަކުރާ މެމްބަރެއް ކަމަށާއި އަދި އަޒްމީ މަސައްކަތް ކުރެއްވި އައިޓީ ޑިޕާާޓްމެންޓަށް އޭނާ އަކީ ހުރިހާ މުވައްޒަފުން ލޯބިކުރާ ވަރަށްވެސް މޮޅު އެދުރެއް ކަމަށެވެ. އަޒްމީގެ ހުނަރުވެރިކަމާއި އަދި ގެންގުޅޭ ސަކަ މިޒާޖުގެ މަތިން އެސްޓީއޯގެ ހުރިހާ މުވައްޒަފުންވެސް ވަރަށް ހަނދާން ވާނެ ކަމަށާއި، އަދި މުޅި އެސްޓިއޯގެ ހެޔޮ ދުއާ އާއި ތައުޒިޔާ ވަނީ އަޒްމީ އަދި އަޒްމީގެ އާއިލާ އާއި އެކުގައި ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
އުމުރުން 41 އަހަރުގައި އަޒްމީ ނިޔާވެފައިވާ އިރު އޭނާ އަކީ ވަރަށް މޮޅަށް އަތްތެރި މަސައްކަތްތައް ވެސް ކުރެއްވި ބޭފުޅެކެވެ. އަޒްމީ ވަނީ އިތުރު ފަރުވާ އަށް ބެންގްލޫރަށް ވެސް އޭނާގެ އާއިލާގެ އެދުމުގެ މަތިން ގެންގޮސްފައެވެ. ނަމަވެސް އަޒްމީ އަށް ދޭނެ އިތުރު ފަރުވާ އެއް ނެތް ކަމަށް ބުނެ ބެންގަލޫރުން ވަނީ އަޒްމީ އަނބުރާ ރާއްޖެ ފޮނުވާލާފައެވެ. އަޒްމީ ރޭ މަރުވެފައިވަނީ ބެންގަލޫރުން ރާއްޖެ ގެނައުމުގެ ތެރޭގައެވެ.