"މިއީ ހދ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނަކަށް ކުރިމަތިވި ހާދިސާއަަަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ ލިޔެފައިވާނީ މި ހާދިސާ ކުރިމަތިވި ފަރާތުން "ޖަޒީރާ"އަށް ހިއްސާކުރި މައުލޫމާތުގެ މައްޗަށެވެ. މަސްލަހަތަށްޓަކައި ވާހަކައިގައި ބޭނުންކޮށްފައިވާނީ ތަފާތު ނަންތަކެކެވެ."

އަހަންނަކީ އެހެން އަންހެނުންނެކޭވެސް އެއްފަދައިން ހުވަފެންތަކެއް ދެކެމުން އައި މީހަކީމެވެ. އަހަރެން ފުރަތަމަ ވަޒީފާ އަދާކުރީ މާލޭގެ ޕްރީ ސްކޫލެއްގައެވެ. އެއީ އަހަރެން ކިޔެވީވެސް އެދާއިރާއިން ކަމަށް ވުމުންނެވެ. އެއިރު އަހަރެންގެ އުމުރުން 21 އަހަރެވެ. ޒުވާން އުމުރުގައި އަހަރެންގެ އުންމީދަކަށް ވެފައި އޮތީ ރަނގަޅު ވަޒީފާއެއް އަދާކޮށްގެން ތަނަވަސް އަދި ހަމަ ޖެހޭ ދިރިއުޅުމެއް އުޅުމަށެވެ.

ވަޒީފާ އަދާކުރަން ފެށިތާ ދެމަސްވީ އިރު އަހަރެން، އަލަތު ކައިވެންޏަށް ތައްޔާރުވީމެވެ. އެއީ އަހަރެންގެ ޒަމާންވީ ލޯބިވެރިޔާ ޝާމިލްއާއި ކައިވެނި ކުރުމަށެވެ. ކައިވެނީގެ ތައްޔާރީތައްވެ އަހަރެމެންނަށް އިއްްތިފާގުވެވުނު ތާރީހެއްގައި ކައިވެނީގެ ކަންކަން ނިންމާ ޒަވާޖީ ހަޔާތުގެ ބިންގާ އަހަރެމެން އެޅީމެވެ. ފޮނި އުންމީދުތަކާއި އެކު އުމުރަށް އެކުގައި އުޅުމަށެވެ. ރަށްޓެހިވެގެން އުޅުން ދުވަސް ވަރަށް ވުރެއް ހަމަ ޖެހިގެން އުފަލުގައި އުޅުމަށެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ އަހަރެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. އެއަށް ވުރެއް މާ ގޯސްކޮނެވެ.

އަހަރެމެންގެ ކައިވެންޏަށް މަހެއް ނުވަނީސް ޝާމިލް އަހަރެން މަތިން ފޫހިވާން ފަށައިފިއެވެ. އަބަދު ބޭރުން ކެއުމާއި އަހަންނާއި އެކުގައި އެއްދާން ކުރުމަށް ޝާމިލް ދެކޮޅު ހަދަން ފެށިއެވެ.. ބައެއް ފަހަރު އަހަރެންމީ "ހަންޑި"އެކޭ ޝާމިލްއަށް ހީވަނީއޭވެސް ހިތައް އަރައެވެ. އެހެންވެސް ހީވާނެތާއެވެ. ގެއަށް އަޔަސް އުޅޭނީ އަހަންނަށް ނުފެނި އަވަހަށް ރެކެވޭތޯއެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އަހަރެމެންގެ ކައިވެނީގައި ރެނދުލާ ކައިވެނި ރޫޅުނެވެ. އަލުން ކައިވެނި އިއާދަކުރުމަށްވެސް ޝާމިލް ބޭނުމެއް ނުވިއެވެ.

ޝާމިލްއާއި ދުރުވުމަށް ފަހު އަހަރެން ބެލީ ކުރީގެ ދިރިއުޅުމަށް ރުޖޫއަވެވޭތޯއެވެ. ނަމަވެސް އެކަންވެސް އަހަންނަކަށް ނުވިއެވެ. ކަންކަން ކުރަން ފޫހިވުމާއި އަމުދުން ބޭރަށް ދިޔުމަށް އަހަރެން ފޫހިވާން ފެށިއެވެ.

ވަރީގެ ސަބަބުން އިއްދައިގައި އިންނަން ޖެހޭ ދުވަސްތައް ހަމަވުމުން އާއިލާގެ އެދުމުގެ މަތިން އާއިލާއިން ދެއްކި ޒުވާނަކާއި އަހަރެން ކައިވެނިކުރީމެވެ. ފަހަރުގައި އާއިލާއިން ދައްކާ މީހަކީ ރަނގަޅު މީހަކަށް ވެދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެކައިވެނިވެސް މަހެއް ނުވެ ރޫޅުނެވެ. ފެނުނީ ދާދި އެއްގޮތް ކަންތައްތަކެވެ. އޭނާގެ ފަރާތުންވެސް ފެނުނީ ހަމަ ޝާމިލްގެ ފަރާތުންވެސް ފެނުނު ކަންތައްތަކެވެ. 

ދެވަނަ ކައިވެނި ރޫޅުމުން އަހަރެން މުޅި ދިރިއުޅުން މަތިން ފޫހިވިއެވެ. ފިރިހެނަކު ފެނުނަސް އަހަރެންގެ ގާތައް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ފިރިހެނަކާއި ހަތަރުކަޅި ހަމަކޮށް ބަލާލަންވެސް ބޭނުމެއް ނުވެއެވެ.. ނުބަލާތާ ފިރިހެނުން ފެންނަތަނަށް ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ނުވެސް ދަމެވެ.

މި ގޮތުގައި އަހަރެން 2 އަހަރު ހޭދަކުރީމެވެ. އަހަންނަކީ ޒުވާން އަންހެނެއް ކަމުން ޒުވާން އުމުރުގައި މީހަކާއި ކައިވެނި ނުކޮށް ހުސްކޮށް ހުރުމަކީ އަހަރެންގެ އާއިލާއިން ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން ހިތާއި ދެކޮޅަށް އާއިލާއިން ދެއްކި މީހަކާއި އަނެއްކާވެސް ކައިވެނިކޮށްފީމެވެ. މިފަހަރު އަހަރެން ކައިވެނި ކުރީ މާލޭގެ ތަނަވަސް އާއިލާއެއްގެ ޒުވާން ފިރިހެނަކާއެވެ. އޭނާގެ ނަމަކީ ޖަލީލްއެވެ.

ޖަލީލްއާއި ކައިވެނިކޮށްގެން މަހަކަށް ވުރެއް ގިނަ ދުވަހު އަންނަށް އުޅެވުނެވެ. އެއަށް ފަހު ކުރިންވެސް ކުރިމަތިވި މައްސަލަތައް ޖެހެން ފެށިއެވެ. ޖަލީލްވެސް އަހަންނާއި ގާތްވުމަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން މައްސަލަތައް އޮބިނޯވެ އެކައިވެނިވެސް ރޫޅުނީއެވެ.

ޖަލީލްއާއި ވަކިވި ފަހުން އަހަންނަށް އެހެންނާ ނުވާ ކަހަލަގެ އުނދަގޫތަކެއް ވާން ފެށިއެވެ. މާ ގަދައަށް ބަނޑުގައި ރިއްސުމާއި އަބަދު މޭނުބައި ކުރުން ފަދަ އުނދަގޫ ތަކެވެ. މިކަމާއި ހުރެ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އަހަރެން ފަރުވާކުރީމެވެ. ނަމަވެސް އެއްވެސް ލުޔެއް ނުލިބުނެވެ.

އެހެންކަމުން ގާތް ރަށްޓެއްސެއްގެ ލަފައާއި އެކު ރުގްޔާ ކުރާ މީހެއް ކައިރިއަށް އަހަރެން ދިޔައީމެވެ. އަދި އެމީހާ ލައްވާ ރުގްޔާ ކުރަން ފެށީމެވެ. ރުގްޔާ ކުރާ މީހާ އަހަންނަށް ދެތިން ދުވަހަކު ރުގްޔާގެ އާޔަތްތައް ބޭނުންކޮށްގެން ފަރުވާކުރުމަށް ފަހު ބުނީ އަހަންނަށް މީހަކު ސިހުރު ހަދާފައިވާ ކަމަށެވެ. އަދި އަހަރެން ކުރި ކައިވެނިތައް އެހާ ފަސޭހައިން ރޫޅޭ ސަބަބަކީވެސް އެއީ ކަމަށެވެ. އަހަންނަށް ސިހުރު ހެދީ ކާކު ކަމެއް އަދި އެމީހާގެ ސިފަތަކެއް ރުގްޔާ ކުރާ މީހާ އަހަންނަކަށް ކިޔައެއް ނުދެއެވެ. އެމީހާ އަހަންނަށް ލަފާ ދިނީ ހެޔޮކަންކަން ކުރުން ގިނަ ކުރުމަށާއި އޭނާ ބުނާ ގޮތަށް ރުގްޔާގެ އާޔަތްތައް ބޭނުންކޮށްގެން ފަރުވާ ކުރުމަށެވެ. އަދި އެއީ ދުވަސް ނަގާނެ ފަރުވާއެއް ކަމަށާއި އެކަމުގައި ކެތްތެރިވުމަށް އޭނާ އަހަންނަށް ނަސޭހަތްތެރިވިއެވެ.

މިއަދާ ޖެހެންދެންވެސް އަހަރެން މިދަނީ އަހަންނަށް ހަދާފައިވާ ސިހުރަށް ފަރުވާ ކުރަމުންނެވެ. ﷲގެ އިރާދަ ފުޅުން މިއަދު އަހަރެންގެ ބަލި ވަރަށް ބޮޑަށް ފަސޭހަވެއްޖެއެވެ. ނަމަވެސް އަދި ރުގްޔާގެ މުއްދަތު ހަމައެއް ނުވެއެވެ. އެ މުއްދަތު ހަމަވިހާ އަވަހަކަަށް ރަނގަޅު ބައިވެރިއަކު ފެނިއްޖެ ނަމަ އަހަރެން މިހުރީ އަލުން ޖަވާޒީ ހަޔާތެއްގެ ބިންގާ އަޅައި އާއިލާއެއް ފެށުމަށް ތައްޔާރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *