އަވަހަށް ތާކަށް ދާން އަވަސް އަރުވާލައިގެން ސައިކަލަށް އަރައި ދުއްވައިލުމާއެކު ގިނަ ފަހަރު ޖެއްސިފައި ހުރި ހަރު ނުވަތަ ނިވައި ނުލެވި ހުރި ލައިޓް މަތީން ހަނދާން ކޮށްލަދޭނީ މަގުމަތިން ފެންނަ ކޮންމެވެސް މީހެކެވެ. ބައެއް މީހުން އަނގައިން ނުބުނެ އެމީހަކު ދުއްވާ ސައިކަލުގެ ލައިޓް ނިވި ދިއްލައިލުމުން އެކަން އަންގާލާއިރު، ގިނަ ފަހަރު ވަރަށް ގާތް މީހެއްހެން "ބުރޯ ހަރު!" ބުނެ ގޮވައިލައެވެ. ދުވަހެއްގެ ކޮޅުން ނުފެންނަ މީހެއް ވިޔަސް އެއީ ހައުދަހާ މާތް ރަނގަޅު މީހެކޭ ހިތަށް އަރައި އެމީހަކަށް ޝުކުރުގެ ނަޒަރަކުން ހިނިތުންވުމެއް ދެވެއެވެ. 

މި ދެންނެވީ ވަރަށް އާދައިގެ ކަމެއްގެ ވާހަކައެކޭ ހިތަށް އަރައިދާނެއެވެ. ނަމަވެސް، ހަރު ޖައްސައިގެން ސައިކަލު ދުއްވަމުން ގޮސް އަޑިގަނޑަކަށް ޖެހޭ ވަގުތު ނުވަތަ ގޯޅި އަޅައިލާ ވަގުތު ބިންމަތީގައި ހަރު ޖެހި ސައިކަލާއެކު ވެއްޓުމަކީ ކައިރީގައިވާ ކަމެކެވެ. އެހެން ވެއްޖެނަމަ، ހީނުކުރާ ވަރުގެ ގެއްލުމެއް އެ ދުއްވަމުން ދިޔަ މީހާ އާއި ސައިކަލަށް ވުމަކީ ވަރަށް ކައިރިކަމެކެވެ. އެހެން ބީދައަކުން ބުނާ ނަމަ "ބުރޯ ހަރޭ" ބުނެ އެ ސަލާމަތް ކޮށްދިނީ މީހެއްގެ ފުރާނަ އެވެ. "ބުރޯ ލައިޓޭ" ބުނެ އެ ސަލާމަތް ކޮށްދިނީ މީހުންގެ ފުރައްސާރައާއި މަލާމާތުންނެވެ. ގަނާ ކުރުމުންނެވެ.

ނުދަންނަ މީހެއް ވިޔަސް މިފަދަ ކަންކަމުގައި ގާތް އަޙުންނަށް އަދި އުޙުތުންނަށް ވާއިރު ދީނީ ކަންކަމުގައި މިކަން ކަން ނުފެނުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ބަންގި ގޮވާއިރު ސައިކަލުގައި ދާ މީހާގެ ހަރު ޖެއްސިފައިވާ ކަން އަންގައިލެވޭއިރު، ޙާލިގު ވަންތަ އިލާހުގެ ގޮވައިލުމަށް އިޖާބަ ދިނުމަކަށް ހަނދާން ކޮށެއް ނުދެވެއެވެ. ހުރިހާ ހެޔޮ ކަމެއް ޤަބޫލު ކުރެވެނީ ނަމާދަށް ރައްކާތެރިވެގެން ކަމަށް ވީހިނދު ކާމިޔާބާއި ރައްކާތެރިކަމާއި ބާއްޖަވެރިކަން ހޯދުމަށް ދަޢުވަތު ދިނުމަށް އަހަރުމެން މިވަނީ ނުކުޅެދިފައެވެ. ހަރު ޖެއްސިފައިވާކަން އަންގައިދިނުމަކީ 'ސަޅި' ކަމެއްކަމަށްވެފައި ނަމާދަށް ދާން ހަނދާން ކޮއްދިނުމަކީ 'ކަޓު' ކަމެއްކަމަށް ދެކެނީ ހެއްޔެވެ؟

އަހަރުމެން މުސްލިމުންގެ ގޮތަކީ ހެޔޮ ކަންތައްތައް ކުރުމާއި، ހެޔޮ ކަންތައްތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ. އަދި ހެޔޮ ކަންތައްތައް ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައި ދިޔުމެވެ. ހަނދުމަ ކޮށްދިނުމެވެ. ކޮފީތަކުގައި ނުވަތަ އޮފީހުގައި މަސައްކަތް ކުރާ މާހައުލުގައިވެސް ނަމާދު ވަޤުތުވުމުން ހަނދާންކޮށްދިނުމެވެ. އަދި ވަޤުތުގައި ނަމާދުކުރުމަށް ބާރު އެޅުމެވެ. ރައްޓެހިންނަށް އެކަމުގެ ދަޢުވަތުދިނުމެވެ. ކޮފީތަކަށް ދާން ގަޑި ކިޔޭހެން މިސްކިތަށް ދާން ކޯޅިކޯޅިއަށް ހަދައިގެން ދެވެން އެބަ ޖެހެއެވެ. ޕަބްޖީ ކުޅެންވީމާ ހޭލައްވައިގެންވެސް އެކަން ކުރެވޭ އިރު ފަތިސްނަމާދަށް ދާން ގޮވައިލެވޭ ތަނެއް ނުފެނެއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ދަޢުވާ ކުރާ މި މުޖުތަމަޢުއިން މި މަންޒަރު ނުފެންނަ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ޤައުމު އިސްލާޙްވާނީ މިކަންކަން ރަނގަޅު ފާލަކަށް އެޅުނު ދުވަހަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *