ގދ. ގައްދޫގައި އަމިއްލަ ހަށިގަނޑުގައި ރޯކޮށްލި އަންހެނަކު ހާލުބޮޑުވެ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
"ޖަޒީރާ" އަށް މައުލޫމާތު ލިބޭ ގޮތުގައި، ގދ. ގައްދޫ، އައިމިނަތު ތައުފީގު (30އ) އޭނާގެ އަމިއްލަ ހަށިގަނޑުގައި އަލިފާން ރޯކޮށްލީ އަމިއްލައަށް މަރުވުމަށެވެ. ރޯކޮށްލުމުގެ ސަބަބުން އޭނާގެ ހަށިގަޑުގެ 70 އިންސައްތަ ވަނީ ފިހިފައެވެ.
ގައްދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ އަންހެން މީހާ އަކީ އޯޓިސްޓިކް މީހެކެވެ.
އިތުރަށް މައުލޫމާތު ލިބޭ ގޮތުގައި މިއަދުގެ މެންދުރު ވަގުތެއްގައި ގައްދޫ ފިހާރައަކުން އޭނާ ކަރާސީނު ގަތްކަމަށާއި، އަމިއްލައަށް މަރުވާން އުޅޭ ވާހަކަ ދިމާވި އެންމެން ކައިރީ އޭނާ ބުނި ކަމަށެވެ. އަދި އެ ހާދިސާގެ ކުރިން އޭނާ އޭނަގެ ދަރިންނާއި ބައްދަލު ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެ އަންހެން މީހާ އަމިއްލަ ގައިގައި އަލިފާން ރޯކޮށްލާފައިވަނީ މިއަދު ހަވީރު 5:30 ހާއިރު އެވެ. އާއިލާއިން ގޯސްކޮށް ކަންތައް ކުރާ ކަމަށް ބުނެ އޭނާ އަމިއްލަ ގައިގައި ރޯކޮށްލި އަލިފާންގަނޑު ނިއްވައިލީ އެއާއިލާ މީހެއް ކަމަށްވެސް "ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހާއަށް މިވަގުތު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށް "ޖަޒީރާ" އަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ، ގދ. ގައްދޫގައި އަމިއްލަ ގައިގައި ރޯކޮށްލި މީހެއްގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، މިހާރު އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އެ އަންހެން މީހާ އަކީ ގެވެށި އަނިޔާއާއި, ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. މީހަކާ އިނދެ ވަރިކޮށްފައިވާ އެ އަންހެން މީހާގެ ދެ ކުދިން ތިބެއެވެ.