ސަރުކާރަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެއްބާރުލުން ދެއްވުމުގައި މައުމޫން ރިފޯމް މޫމެންޓް (އެމްއާރްއެމް) ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަށް ނަގަހައްޓައި ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ރައީސް ސޯލިހު އަށް އެއްބާރުލުން ދެއްވުމުގައި އެމްއާރްއެމް ދެމި އޮންނާނެ ކަމަށާއި، ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓުމަށް އެމްއާރްއެމް އިން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
މައުމޫން މިގޮތަށް ޓުވީޓު ކުރައްވާފައިވާއިރު، މިފަހަކުން ސަރުކާރު ކޯލިޝަނުގައި ބޮޑު ރެނދެއް އަޅައި، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
ދާދިފަހުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ކޯލިޝަން ރޫޅާލަން އުޅޭ ކަހަލަ ގޮތަކަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެހެން ފަރާތްތަކާއިއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެ، އެކަމަށް ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.