އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު މާފުށީ ސިއްހީ މަރުކަޒުގައި ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަން ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
އުމުރުން 20 އަހަރުގެ ފުވައްމުލަކަށް އުފަން ރަޝްފާ އަހުމަދު ދިރިއުޅެމުން ދިޔައީ ކ.މާފުށީ މީހަކާ އިނދެގެން އެ ރަށުގައެވެ. ބަނޑަށް އަށް މަހުގަައި ރަޝްފާ މަރުވީ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.
ރަޝްފާގެ އާއިލާއިން ބުނާ ގޮތުގައި، ރަޝްފާގެ މަރާއި ގުޅިގެން ގަބޫލުކުރަން ދަތި އެތަށް ކަންތަށްތަކެއް ހުރުމުގެ ސަބަބުން އެ ހާދިސާ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށައެޅީ ކަމަށެވެ.
ރަޝްފާގެ ބޮޑުދައިތަ ރަޒީނާ އަހުމަދާ ހަވާލާދީ މިހާރު ނޫހުން ބުނި ގޮތުގައި، ރަޝްފާ މަރުވި އިރު އޭނާގެ އަނގަޔާއި ނޭފަތުން ވަރަށް ގިނައިން ލޭ އައިސްފައި ހުރިކަމަށެވެ. އަދި އޭގެ އިތުރުން އޭނާގެ ބޯ ވެސް އެއް ފަރާތަކަށް ގޮސްފައިހުރި ކަމަށެވެ. ރަޝްފާ ބަލިވެއިނުމަކީ "ހައި ރިސްކް ޕްރެގްނެންސީއެއް" ގެ ގޮތުގައި ފައިލްގައި ނޯޓްކޮށްފައި އޮތް ނަމަވެސް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ނުވުމަކީ އާއިލާއިން ކަންބޮޑުވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ވަޅުލި ވަގުތުވެސް ރަޝްފާގެ އަނގަޔާއި ނޭފަތުން ލޭ ފެންނަން ހުރިއިރު، އެއީ ބަޔަކު މައްސަލަ ނުޖެއްސިޔަސް ފުލުހުން ބަލަން ޖެހޭނެ ކަމެއްކަން އާއިލާއިން ދެކެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަޝްފާގެ މަރުގެ މައްސަލަ ބަލައިދޭން އާއިލާ އިން ސިޓީއެއް ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް ފުލުހުންނަށް އެ މައްސަލަ މިހާރު ހުށައަޅަން ޖެހޭނީ ހެލްތު މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.