މާލޭ ޖަލުގައި ސިއްހީ އެމަޖެންސީއެއް ދިމާވެއްޖެ ނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށް ޖަލުތަކުގެ ކަންކަން ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ކޮމިޝަން ފޯ ޕްރިޒަން އޮޑިޓް"އިން ބުނެފިއެވެ.

މާލޭ ޖަލުގެ ކަންކަން ހުރި ނެތް ގޮތް ބެލުމަށް އެކޮމިޝަނުން މިހަފްތާ ތެރޭގައި އެ ޖަލަށް ކުރެއްވި ޒިޔާރަތަށް ފަހު ޖަލުގެ ހާލަތު ބަޔާންކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭ ޖަލުގައި ސިއްހީ މައްސަލަތައް ދިމާވެފައިވާ އެތަކެއް ޤައިދީންނެއް އެބަތިބި ކަމަށެވެ. އަދި އެ ޤައިދީންނަށް ފަރުވާ ދެވޭނެ ޑޮކްޓަރުން ޖަލުތަކުގައި ނުތިބޭ ކަމަށާއި އެއީ ޤައިދީންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައި އެބަޔާނުގައިވެއެވެ.

މާލޭ ޖަލުގައި ސިއްހީ އެމެޖިންސީ ހާލަތެއް ދިމާވެއްޖެ ނަމަ ގައިދީން ޖަލު ގޮޅިން ނެރެގެން ފަރުވާދޭ ތަނަކަށް ގެންދަން އެންމެ މަދުވެގެންވެސް ބައިގަޑިއިރު ނަގާނެ ކަމަށާއި އެއީ ޤައިދީންގެ ފުރާނައާއި ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށް ޖަލުތައް އޮޑިޓް ކުރާ ކަމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިއީ މިފަދަ ހާލަތެއްގައި އޮންނަ މީހެއްގެ ފުރާނަ ގެއްލިދާނެ ފަދަ ހާލަތެއްކަން ފާހަގަ ކުރެވޭ،" ކޮމިޝަން ފޯ ޕްރިޒަން އޮޑިޓް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖަލުގެ ޖާގައަށް ވުރެ އިތުރަށް ޖަލުގައި ގައިދީން ބަންދުގައި ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ދެ މީހުންގެ ޖާގައިގެ ޖަލު ގޮޅިއެއްގައި ހަތަރު މީހުން އަދި ހަތަރު މީހުންގެ ޖާގައިގެ ގޮޅިތަކުގައި 10 މީހުން ތިބިކަންވެސް ފާހަގަ ކުރެއްވިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި ބަންދަށް ގެންދެވޭ މީހުންގެ މެޑިކަލް ސްކްރީނިންގް ނުހާދާކަމަށާއި މާލޭ ޖަލަކީ މީހުން ބަންދުކުރުމަށް އެކަށީގެންވާ ވަރަށް ވުރެއް ދަށް ހާލަތުގައި ހުރި ތަނެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *