ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ނަހައްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާސިމަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއް ކަމަށާއި އެމަނިކުފާނު ހުންނަވާނީ ވެސް މި ކޯލިޝަންގެ ހިއްސާދާރެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ޔާމީނާއި އެކު ގާސިމް ކޯލިޝަން ނުހައްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ޞޯލިހު ވަނީ ވިދާޅުވެފައެވެ.
"ގާސިމް ހުންނަވާނީ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި، އެއީ އިރާދަކުރެއްވީއާ ޝައްކެއް އޮތް ކަމެއް ނޫން. ރައީސް ޔާމީންއާއެކު ކޯލިޝަން ހަދާ ތަނެއް އަޅުގަނޑަކަށް ނުފެނޭ، ނުވެސް ހައްދަވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގައި ވާދަ ކުރެއްވުމަށް ޕާޓީތަކުން މަޝްވަރާތައް ފާހަގަކުރެވިފައިވާ ކަމުގައިވެސް ރައީސް ޞޯލިހު ވިދާޅުވިއެވެ.
ރައީސް ޞޯލިހު މިހެން ވިދާޅުވެފައިވާއިރު ގާސިމްވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި ވާދަކުރުމަށް ކޮންމެ ބަޔަކާއި އެކުގައި މަޝްވަރާ ކުރައްވަން ޖެހުނަސް އެކަމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ޤާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި ދެބޭފުޅުން ދަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.