ޓްރެފިކް ގަވާއިދާ ހިލާފުވެގެން މި މަހުގެ މިހާތަނަށް 2000 ވަރަކަށް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ
ޓްވިޓާގައި އާންމު ފަރުދަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން ހަމީދު ވިދާޅުވީ މި މަހުގެ މިހާތަނަށް 1895 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"ޕާކްކުރުން ފިޔަވައި އެހެން ކުށްތަކަށް މީހުން ވަނީ ޖޫރިމަނާކޮށްފައި. ހެދިފައިވާ ގަވާއިދާ ހިލާފަށް ވުރެ ބާރަަށް ދުއްވާ ދެ މީހަކު ހިމެނޭ. އަދި 130 މީހަކު ހުއްޓުވާ އުޅަނދާގެ ހުއްދަތަކާއި މީހާގެ ހުއްދަތައް ބަލައިފައިވާނެ،" ހަމީދު ވިދާޅުވިއެވެ.
އަދި މިއަދުގެ ވަގުތެއްގައި އެކްސިޑެންޓްތައް މަދުކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ބުރިޖުގައި ހިނގާ އެކްސިޑެންޓްތައް ގިނަވަމުން އަންނަ އިރު ފުލުހުން މިހާރު މަސައްކަތްކުރަމުން އަންނަނީ ބުރިޖުގައި ކެމެރާ ހަރުކުރުމަށެވެ. އަދި މާރޗު 10 އަކުން ފެށިގެން ސިނަމާލެ ބުރިޖުގައި ސައިކަލު ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.