ޕްރޮފެސާ ހަސަން އުގައިލްގެ ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީވެސް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ ހަޤީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރަން ދޭން ނިންމަވާފައިވާ ކަމަށް އުގައިލް ވިދާޅުވެއްޖެއެވެ.
އެގޮތުން އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީގެ އިތުރަށް މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތައް ފަސޭހަ ކުރުމަށް 'ލައި ޑިޓެކްޝަން ސާވިސް' ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ އެކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރުމަށް ދޭން ނިންމަވާފައިވާ ކަމަށެވެ.. އަދި އެއްވެސް ގަލެއް ފުރޮޅާނުލާ ދޫކޮށްލައިގެން ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ ހަގީގަތް ހޯދުމަށް ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.
"މިފަހަރު އެއްވެސް ގަލެއް ނުފޮރޮޅާ ދޫކޮށްލެވިގެން ނުވާނެ. ރައްޔިތުން ބޭނުންވަނީ މަދުމިންވަރެއް ނޫން، ހަގީގަތް ހޯދަން" އުގައިލް ވިދާޅުވި އެވެ.
ޕްރޮފެސާ އުގައިލްގެ މޫނު ދެނެގަންނަ ޓެކްނޮލޮޖީ އާއި ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ މަރުތައް ތަހްގީގު ކުރާ ކޮމިޝަނުން ބޭނުން ކުރަން ދީފައިވާއިރު މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސާ އުގައިލްގެ އެހީތެރިކަން ހޯދަން ފަށާފައިވަމީ މިމަހުގެ ތެރޭގައެވެ.