މިސްކިތަކީ ވަރަށް ބޮޑަށް ހުރުމަތްތެރިވެގެންވާ ތަނެކެވެ. އެއީ މިސްކިތަކީ އިންސީންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި ކުޅަދުންވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ގެ ކަމަށްވާތީއެވެ. މިސްކިތުގެ ހުރުމަތް ކަނޑައި މިސްކިތަށް ބަދުބަސް ބުނުމަކީ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ އިސްލާމްދީނާއި ވަރަށްވެސް ދުރު ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި އިސްލާމްދީން ބާރު އަޅާ ކަމެއް ނޫނެވެ. މިސްކިތެއް މިސްކިތަކަށް ވުމަށް ކޮންމެހެން ފުރިހަމަ ފަރުމާއެއް ހުރުން ލާޒިމެއް ނޫނެވެ. ނުވަތަ ވަކި ބަށްޓަމަކަށް ވަކި ކިއްސަރަކަށް ހުރުންވެސް ލާޒިމެއް ނޫނެވެ. އަދި ދުރުން މިސްކިތެއްކަން އެނގުންވެސް އެއީ ދީނީ ހަމަތަކުން ބަލާއިރު ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ.
މިސްކިތުގެ ފަރުމާ ނުވަތަ ޑިޒައިންގެ ވާހަކަ ދައްކާއިރު ފަހުގެ ތާރީހެއްގައި ގިނަ ދިވެހީންތަކެއްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުން އަންނަ އެއް މިސްކިތަކީ މާލޭގެ އިރުން މާލޭގެ މަލަމަށްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ނަލަ ނަލަ "ކިންގް ސަލްމާން" މިސްކިތެވެ. އެ މިސްކިތް ހުރިތަން ބައެއް ފަރާތްތަކަށް ކަމު ނުދިޔަ އިރު އަނެއް ބަޔަކު ބުނަމުން އައީ އެ މިސްކިތަކީ "ހުތުރު" މިސްކިތެއް ކަމަށެވެ. ހިތާމައަކީ މިފަދަ ބޭއަދަބީ ބަސްތައް ބިންމަތީގައިވާ އެންމެ މަތިވެރި ގެއަށް އަމާޒުކުރާއިރު އެކަމުގައި ރާއްޖޭގެ ބޮޑެތި އަދި އެންމެ ދުވަސްވީ އޮންލައިން ނޫހެއްވެސް ބައިވެރިވެފައިވާ ކެމެވެ.
އެ ނޫހުގައި ލިޔުންތެރިޔާ ލިޔުއްވާފައިވާ ރިޕޯޓުގައި ވަނީ ވަރަށް ބޭއަދަބީ ބަސްތައް ކިންގް ސަލްމާން މިސްކިތައް އަމާޒުކޮށްފައެވެ. އެގޮތުން އެ މިސްކިތަކީ "ހުތުރު" މިސްކިތެއް ކަމަށާއި މިސްކިތެއްގެ ވައްތަރުގަނޑު އެއްގޮތަކަށްވެސް ސަލްމާން މިސްކިތުގައި ނެތް ކަމަށް އެ ލިޔުމުގައިވެއެވެ. އަދި މިސްކިތުގެ ހަތަރުފަރާތުގައިވާ ދިގު މުންނާރުތައްވެސް މުންނާރެއް ވައްތަރު ނުޖަހާ ކަމަށް އެ ލިޔުމުގައި ވެއެވެ.
ދެން އުފެދޭ ސުވާލަކީ މިއީވެސް ހަމަ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބާއެވެ. ގައިމު ރާއްޖޭގެ ލައްކައަކަށް ވުރެއް ގިނަ މީހުން ފޮލޯ ކުރާ ނޫހަކުން މިފަދަ ދީނާއި ދުރު ރިޕޯޓެއް ލިޔެ އާންމު ކުރި އިރު އެ ނޫހުގެ އެޑިޓަރުން ކޮބާބާވައެވެ؟ އެމީހުން ތިބީ ގަދަ ނިންޖެއްގަތޯއެވެ؟ ނުވަތަ ހަމަހޭވެރިކަން ނެތީތޯއެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. އެ ނޫހުގެ ރިޕޯޓު އެއްކޮށް ކިޔާލުމުން މީގެ ދުވަސްކޮޅެއް ކުރީން މިނިވަން ރޭޑިއޯ ހިންގަމުން އަންނަ އައިޝަތު އާނިޔާ ދެއްކި ވާހަކަތަކުގެ ހަނދާން އާވިއެވެ. އާނިޔާ ވަނީ ކިންގް ސަލްމާން މިސްކިތުގެ ހުތުރު ސިފައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަންޒަރުތައް ފެނުމަށް ހުރަސް އެޅޭކަމަށް ބުނެފައެވެ. އާނިޔާއަކީ މީގެ ކުރިންވެސް އިސްލާމްދީނާއި ހިލާފު އެތަކެއް ވާހަކައެއް ދައްކާފައިވާ މީހެކެވެ. އެހެންކަމުން އެނގިގެންވިޔަސް ނޭނގިވިޔަސް މިދެންނެވި ނޫހަށް އެއޮތީ އާނިޔާ ޖަހަމުންދިޔަ ދީނާއި ދުރު ބެރަށް ނެށިފައެވެ.
ދެން އޮތީ މިސްކިތުގެ ފަރުމާ ހުތުރޭ، މިސްކިތެއް ވައްތަރެއް ނުޖަހައޭ، މިވެނި އެއްޗެކޭ، އެވެނި އެއްޗެކޭ ބުނެ ކިންގް ސަލްމާން މިސްކިތައް ފާޑުކިޔަމުން، ޖޯކު ޖަހަމުންދާ ފަރާތްތަކަަށް ރާއްޖޭގައި ތިބި ފުންނާބު އުސް ދީނީ އިލްމުވެރިންގެ ރައްދެކެވެ.
"އަޅުގަނޑަށް ޖަހާ އެއީ މިސްކިތެއް ވައްތަރު. އަޅުގަނޑަކަށް ނޭނގެ ބަޔަކަށް އެއީ މިސްކިތެއް ވައްތަރު ނުޖަހަންވީ ސަބަބެއް. އެއީ ވަރަށް ފުރިހަމަ އަދި ރީތި މިސްކިތެއް" ޝައިހް ޒައިދު ވިދާޅުވިއެވެ.
ޝައިހް އަލީ ޒައިދުގެ އިތުރުން ގިނަ އިލްމުވެރީންގެ ބަސްމަގުވެސް ހުރީ މިބީދައިންނެވެ.
ސަލްމާން މިސްކިތުގެ ފަރުމާއޭ ކިޔައިގެން ހަޤީގަތެއް ނެތް ވާހަކަތައް ދައްކާ ފިތުނަ ފަސާދަ އުފައްދަން "ލާދީނީ" ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރާއިރު، ސަލްމާން މިސްކިތަކީ ހަމަ އެކަނި ނަމާދު ގެއެއްތޯއާއި މެދުވެސް ސުވާލުކޮށްލަން ޖެހެއެވެ. ސަލްމާން މިސްކިތަކީ ހަމަ އެކަނި ނަމާދު ގެއެެއް ނޫނެވެ. އެއީ އިލްމީ ގޮތުންނާއި ފިގްހީ ގޮތުން ރާއްޖޭގެ ތާރީހް ބަދަލުކޮށްލާނެ ބިނާއެކެވެ. މިސްކިތެއްގެ އިތުރުން އެއީ ކުތުބުހާނާއެކެވެ. އެއީ ދީނީ ދަރުސްތައް ދިނުމާއި ދީނީ ކްލާސްތައް ނަގައިދޭ ސްކޫލެއްވެސް މެއެވެ. އެހެންކަމަށް ވަނީ ނަމަ ދުރުން މިސްކިތެއްގެ ސިފަ ނުޖެހިޔަސް އޭގައި މައްސަލައެއް އެބައޮތްތޯއެވެ؟ ނުވަތަ މިސްކިތެއްގެ ސިފަ ނުޖެހުމުން އެ ތަނުގައި ކުރާ ނަމާދުން ސަވާބު އުނިވަނީތޯއެވެ؟ މިއީވެސް ހަމަ އުފެދޭ ސުވާލުތަކެވެ.
ދަންނަވާލަން އޮތް ވާހަކައަކީ އިސްލާމްދީނަށް ފާޅުގައްޔާއި ފިލައި ތިބެ ޖެއްސުން ކުރާ ބަޔަކު މިގައުމުގައި އެބައުޅޭ ކަމެކެވެ. އެބައިމީހުންގެ ނިޔަތަކަށްވާނީ މުސްލިމުންގެ މެދުގައި ފިތުނަ އުފައްދާ މުސްލިމުން ދީނާއި ދުރުކުރުމެވެ. ކިންގް ސަލްމާން މިސްކިތް "ހުތުރޭ" ބުނެ ވާހަކަ ފަތުރަނީވެސް އެފަދަ މީހުންނެވެ. އެއީ އަޤީދާ ބަލިކަށި ދީނަށް ކުޑަވެސް އިހްތިރާމެއް ނެތް މީހުންނެވެ. ދަންނަވަންތޯއެވެ. ކިންގް ސަލްމާން މިސްކިތްވެސް ރީއްޗެކެވެ. އަދި އޭގެ ފަރުމާ އެއަށްވުރެއްވެސް ފުރިހަމައެވެ.