މަޖިލިސް އިންތިހާބް 2019 އަށް ދުވަސްތައް ކުޑަތަން ވަމުންދާއިރު ކެމްޕޭނު ހަރަކާތްތަށް ބޮޑު އީދު ތިން ދުވަހަށް ވުރެ މިދަނީ ކުލަ ގަދަވަމުންނެވެ. ފަސް އަހަރުގެ ދައުރަކަށް މަޖިލީހަށް އައްޔަނު ކުރާ މެންބަރުންގެ ވިސްނުމާއި ހިޔާލާތުގެ މައްޗަށް ބުރަވެ ކެމްޕޭނު ހަރަކާތްތަކަށް ނިކަމެތި ރައްޔިތުމީހާގެ ފައިބުޑަށް ވެއްޓޭތަން މިދަނީ ފެންނަމުންނެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިޔާ އަޅާބަލާއިރު މިކަންކަންވެސް މިވަނީ ޒަމާނާއި ފައި ހަމަކޮށްފައެވެ.

ވޯޓު ވިއްކުން މިވަނީ ޖެހިލުމެއްނެތި ރައްޔިތުމީހާ ކުރާ އާންމު ވިޔަފާރިއަކަށް ވެފައެވެ. ވަކި މިވެނި އެވެނި އިންތިހާބެކޭ ބުނެވޭނެ ޖާގައެއް މިކަމުގައި ނެތެވެ. މިކަމަކީ ތަހުޒީބުވެ ގައުމު ދާ ދިޔުން ގުރުޑު ކޮށްލާ ނާތަހުޒީބީ ކަމެކެވެ. މަޖިލީހަށް ކުރިމަތި ލައްވާ ބޭބޭފުޅުން ރައްޔިތުމީހާ ގަނެލަނީ ހަގީގަތުގައި ބާޒާރެއްގައި ބަކަރި ގަންނަން އަގު ކިޔާ އުސޫލުންނެވެ. އާންމުފަރުދުންގެ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން މިފަދައިން ލިބޭ ކޮންމެ ފުރުސަތެއްގައި ކޮންމެ ހާލެއްގައި ނަމަވެސް ވަގުތީ އުފަލަކަށް ޖީބަށް ވައްޓާލާ ނޫޓަށް ނަފްސު ވިއްކާލަނީ އެއްވެސް އަގެއްނެތް ގޮތުގައެވެ.

މަޖިލީހަށް މީހުން ހޮވާ މަގްސަދު މިކަމުގެ ސަބަބުން އޮޅި މަޖިލީހަކީ ވިޔަފާރި ގާފިލާއަކަށް ހަދާލައެވެ. ފަސް އަހަރު ދުވަހުތެރޭ މަޖިލިސް މެންބަރަކަށް ހުރެ ލިބޭ އާމްދަނީ އާއި އެތައް ގުނަ ނުބައްދަލު އަދަދަކަށް މިފަދައިން ކުރިމަތިލައްވާ ބޭފުޅުން އިންތިހާބަށްޓަކައި ހަރަދު ކުރާކަމުގެ އަޑުތަކަކީ ވަކި ޕާޓީއަކަށް ނިސްބަތްކޮށް ބުނެވޭނެ އެއްޗަކަށް ނުވެއެވެ. މިގޮތުން މަޖިލީހަށް ހޮވިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރުން މަޖިލީހުގައި ކަންކަން ކުރުމަށް ނަގާ ވޯޓު ތަކުގައި އެންމެ ފަހަރަކު އޮޅިގެން ފިތާލެވޭ ފިތަކުން ކެމްޕޭނު ހަރަކާތުގައި ހަރަދުކުރާ ފައިސާގެ ބޮޑުބައި ހަމަޖައްސާލެވޭވާ ވާހަކައަކީ ތުންތުން މަތިން އަބަދު އިވޭ އަޑަކަށް މިވަނީ ވެފައެވެ.

މިފަދައިން ނަފްސު ވަގުތީ އުފަލަކަށް އަގުކޮށް ވިއްކާ މީހުންނަށް ހަގީގަތުގައި ދާއިރާގެ ތަރައްގީއަށް ކަންކަން ނުކޮށްދިން ނަމަވެސް ނުރުހުން ފާޅުކޮށް ބަސްބުނެވޭނެ ޖާގައެއް ނެތެވެ. އަދި ހަމަ އެހެންމެ މަޖިލީސް މެންބަރުކަމަށް މިފަދައިން ފައިސާ ހަރަދުކޮށްގެން ހޮވިވަޑައި ގަންނަވާ މެންބަރުންގެ އިހްލާސްތެރިކަމާއި މެދު ހަގީގަތުގައިވެސް އެހިނދު ސުވާލު އުފެދެއެވެ. ސާފު ހިތަކާއިގެން ރައްޔިތުމީހާގެ އަރިހަށް އަންނަ ނަމަ މިއީ މިކަންވާން ޖެހޭނެ ކަމެއްކަމުގައި ޒަމީރު ގަބޫލެއް ނުކުރެއެވެ.

ނިކަމެތި ރައްޔިތުމީހާ އަތުން ވޯޓު އަގުމަގުކޮށް ގަނެލާ އަރިކޮލުން ނުލަފާ ޒާތެއްގެ ހިންޔެއް އައިސްފައި މަޖިލީސް މެމްބަރުން ތިއްބަވަނީ ހަމަ ދާއިރާގެ ރައްޔިތުންނަށް އޮތް ލޯތްބާއި ދާއިރާގެ ކުރިމަގަށް ހިތުގައި ޖެހިފައި އޮތް ކުލުނުގެ ސަބަބުންބާއެވެ. ވޯޓުލުމުގެ ކުރިން މިފަދަ ކޮންމެ ކަމަކާއި މެދު ވިސްނާލާ ތިމާގެ އިހްލާސްތެރިކަން ދެއްކުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެކެވެ. ވަގުތީ އުފަލަކަށް ގައުމިއްޔަތު ވިއްކާލާނަމަ އެކަމުގެ ގެއްލުން ކުރިމަގު ޖީލަށް އެންމެ ނިކަމެތި ގޮތުގައި ކުރާނެކަމީ ފަހުން ކުރަންޖެހޭ ހިތާމައަކަށް ވެގެންދަނޭކަމެކެވެ.

މަގުފާރު ކުލަޔަށާއި، މަގުފުޅާ ދެގަނޑު ޓިނަށް ވޯޓު ވިއްކާނަމަ ތިމާގެ ނަފްސުގެ އަގު ހަވާ ނަފްސުގެ އަޅަކަށްވެއްޖެއެވެ. އިންތިހާބި ވޯޓު ތަކުގައި ދެފަރާތުގެ ސާފު އިހުމާލުންކުރާ މިފަދަ ކޮންމެކަމަކީ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ކުށެއްކަމުގައި ވާއިރު މަޖިލީހަށް ކުރިމަތިލައްވާ ބޭބެފުޅުން މިފަދައިން ކުށްކުރާ ނަމަ މިކަމަށް ވުރެން ހެއްވާ ޖާހިލުކަމެއް މިމަޖިލީސް އިންތިހާބުގައި ނުހިނގާނެއެވެ. ވޯޓުލުމުގައި ތިމާއީ މެންބަރުގެ އަޅަކަށް އަދި ވޯޓުގެ އަޅަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *