ގިނަ ބައެއްގެ މަގްބޫލުކަން އަދި ލޯބި ހޯދާފައިވާ ބަތަލެއް ކަމަށްވާ ސަލްމާނު ހާނު ފެނިގެންދާ ފިލުމު " ބާރަތު"ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.
އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ "ބާރަތު" ގެ ކާސްޓުންގެ ގޮތުގައި ކެޓްރީނާ ކެއިފް، ތައްބޫ، ޖެކީ ޝްރޮފް، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ފެނިގެން ދާނެ އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ފެނިގެން ދާނީ "ބާރަތު" ކިޔާ ކެރެކްޓާއަކުންނެވެ. އޭނާއަކީ ގައުމަށްޓަކައި ގުރުބާންވާ މީހެކެވެ.
"ސްލޯ މޯޝަން" ގެ ނަން ދީފައިވާ މި ލަވައިން ސަލްމާނާ އެކީގައި ފެންނަނީ ޒުވާން ބަތަލާ ޑިޝާ ޕަޓްނީ އެވެ. "ސްލޯ މޯޝަން" އަކީ ވިޝާލް-ޝޭކަރާއި ނަކަޝް އަޒީޒްގެ އިތުރުން ޝްރެޔާ ގޯޝަލްގެ އަޑުން ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެން އިރުޝާދު ކާމިލް ހަދާފައިވާ އިރު، މިއުޒިކް އެރޭންޖްކޮށްފައި ވަނީ މެގްދީޕް ބޯސް އެވެ.